ޚަބަރު

ކޯޓުތަކުގައި ވަކާލާތު ނުކުރެވޭގޮތަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ސަސްޕެންޑްކޮށްފި


ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ޤާނޫނީ ވަކީލު ޢަލީ ޙުސައިން ސަސްޕެންޑުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖޫޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ އަލީ ހުސައިން ސަސްޕެންޑްކުރީ "ގޮނޑިއާއި މެދު ސުޕްރީމް ކޯޓުން ނިންމަން ޖެހޭ ނިންމުމެއް ނެތް" ކަމަށް ބުނެ، ޢަލީ ޙުސައިން އާއި ޙަވާލާދީ ވީނިއުސްއިން ޝާޢިއުކޮށްފައިވާ ލިޔުމަކާ ގުޅޭގޮތުން އޭނާއާ ސުވާލު ކުރުމަށް ފަހުގައެވެ. އެގޮތުން އޭނާ 5 މަސް ދުވަހުގެ މުއްދަތަކަށް އެއްވެސް ކޯޓެއް ނުވަތަ ޓްރައިބިއުނަލެއްގައި ވަކާލާތު ނުކުރެވޭގޮތަށް ސަސްޕެންޑްކޮށްފައިވާކަމަށް ޑީޖޭއޭއިން ބުނެއެވެ.

މި އަހަރުގެ މާޗު މަހުވެސް ޢަލީ ޙުސައިން ދެއްކެވި ވާހަކަތަކަކާ ގުޅިގެން ސުޕްރީމްކޯޓުން ވަނީ އޭނާ ސަސްޕެންޑްކޮށްފައެވެ.