ޚަބަރު

އިންތިޚާބާ ގުޅޭ މައްސަލަތައް ޕޮލިހަށް ހުށަހެޅުމަށް ޕީޕީއެމުން ނިންމައިފި


ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ބުނެ ޕީޕީއެމުން ތުހުމަތުކުރާ މައްސަލަތައް ޖިނާޢީ މައްސަލައެއްގެ ގޮތުގައި ތަހްޤީޤްކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ޕީޕީއެމުން ނިންމައިފިއެވެ.

ރިޔާސީ އިންތިޚާބު ބާޠިލް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ޕީޕީއެމްގެ ސްޓޭންޑް ހާމަކުރުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމަށް ޕީޕީއެމުން ފުރިހަމައަށް އިޙްތިރާމްކުރާކަމަށާއި، ޕީޕީއެމަކީ އަބަދުވެސް ކޯޓުގެ ޙުކުމްތަކަށް އިޙްތިރާމްކުރާ ޕާޓީއެއްކަމަށެވެ.

ނަމަވެސް ރައްޔިތުންގެ ހައްގުތަކާއި، އިންސާފު ހޯދުމަށް ދާން ޖެހުނު ކޮންމެ ދިމާލަކަށް އެޕާޓީން ދާނެކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުން ޤަބޫލްކުރުމަކީ އިންސާފް ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލުން ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމުގައި ޕީޕީއެމުން މި މައްސަލާގައި އިތުރަށް ކަންތައް ކުރަންވީގޮތް ހާމަކޮށްފައިވާކަމަށާއި އެގޮތުން އިންތިޚާބު ބާޠިލްކުރުމަށް އެދި ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ހިމެނޭ ޖިނާޢީ ކަންކަން ތަޙްޤީޤްކުރުމަށާއި ކޮރަޕްޝަން ހިމެނޭނަމަ އެކަމާ ގުޅޭ މުއައްސަސާއަށް ހުށައަޅައިގެން ކުރިއަށްގެންދެވޭނެކަން ސުޕްރީމް ކޯޓުން ޙުކުމުން އެނގޭކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން އިތުރު ހިތްވަރެއް ޕާޓީއަށް ލިބިފައިވާކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތް މިހާ ހިސާބުން ހުއްޓާނުލަމޭ. ސުޕްރީމް ކޯޓުން މިއަދު ނެރުއްވި ހުކުމުގައި އަޅުގަނޑުމެންނަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައިގެންވެސް އިންތިޚާބުގައި ގެއްލިގެން އުޅޭ ހައްގުތައް ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއްކުރަމުން ގެންދާނަމޭ" ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވި، ޕީޕީއެމް އަބަދުވެސް މަސައްކަތް ކުރަނީ ޤާނޫނީ އިމުގެ ތެރެއިންކަމަށާއި ރިޔާސީ އިންތިޚާބަށް ފަހު ވެސް ރައީސް ޢަބްދުﷲ ޔާމީން އިސްކުރެއްވީ ޑިމޮކްރަސީގެ ނަމޫނާކަމަށެވެ.

"އަޅުގަނޑުމެންނަކީ މަގުމަތި ހަލަބޮލިކޮށް މަގުމަތީ ތަޅަފޮޅާ ރާއްޖެ ނުތަނަވަސްކުރުމަށް މަސައްކަތްކުރާނެ ބައެއްނޫން. ރާއްޖެ ތަރައްޤީކޮށް ބިނާކޮށް، އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި ގެނައުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީއެއް" މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި ޕީޕީއެމުން ވަނީ އެޕާޓީއާ ދޭތެރޭ އިލެކްޝަންސް ކޮމިޝަނުން ޒާތީ ކަންތައްތަކެއް ގެންގުޅުއްވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށްވެސް ވަރަށް ބޯޑަށް ފާޑުކިޔާފައެވެ.