ޚަބަރު

ނޮވެމްބަރު 11ގައި އިންތިޚާބީ ރައީސް ހުވާކުރެއްވުމަށް ހުރަހެއް ނެތް- އީސީ


ނޮވެމްބަރު 11 ވަނަ ދުވަހު އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވަން ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ނޮވެމްބަރު 11 ގައި އިންތިޚާބީ ރައީސް ހުވާކުރެއްވުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ދެކޭގޮތް ސާފުކުރުމަށް އިންތިޚާބީ ރައީސްގެ ފަރާތުން އެދިފައިވާކަމަށެވެ. އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބެލިބެލުމުން ނޮވެމްބަރު 11 ގައި އިންތިޚާބީ ރައީސް ހުވާކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ އިއްތިފާޤުން ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރިއިރު ރިޔާސީ ދައުރު ފެށުނު ތާރީޚްކަމުގައި ބުނެފައިވަނީ 11 ނޮވެމްބަރު 2013 ކަމަށާއި އެކަމާއި އެއްވެސް ފަރާތަކުން ދެކޮޅު ހަދާފައިވެސް ނުވާކަމަށެވެ.

ނަމަވެސް މިކަމުގައި ބަންޑާރަ ނާއިބު ދެއްވާފައިވާ ލަފާފުޅުގައި ވަނީ މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު 17 ގައިކަމަށް ޝަރީފް ވިދާޅުވިއެވެ.

ބަންޑާރަ ނާއިބު އެގޮތަށް ލަފާ ދެއްވިނަމަވެސް އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ޤާނޫނީ ގޮތުން ކަނޑައަޅަންޖެހޭ ތާރީޚުތަކެއް ހުންނަކަމަށާއި، ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިޚާބީ ރައީސް އިބްރާހީމް މުހާއްމަދު ޞާލިޙް ހުވާކުރެއްވުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށް ނިންމީ އެކަންކަމަށް ރިޔާޢަތްކުރުމަށްފަހުކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެނިންމުން ރައްޔިތުންގެ މަޖިލީހަށްވެސް މިހާރު އަންގާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

" އެ ހުރިހާކަމަކަށް ބިނާކޮށް އަޅުގަނޑުމެން ކޮމިޝަންގެ އިއްތިފާޤުން ނިންމީ ކޮމިޝަނުން ޤާބޫލްކުރާގޮތުގައި އެއްވެސް ޤާނޫނީ ހުރަހެއް ނެތްކަމަށް. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާއަކު ހުވާކުރުން ނުވަތަ ތާރީޚް ކަނޑއެޅުމަކީ އީސީގެ މެންޑޭޓެއް ނޫން. ނަމަވެސް އަޅުގަނޑުމެން ވާނީ ސިޓީގެ ޖަވާބުގައި މިގޮތަށް ދަންނަވާފައ. އަދި އެ ޖަވާބު ވާނީ މަޖިލީހަށްވެސް ކޮޕީކޮށްފައި." ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަނސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މިހާރު ޤައުމުގެެ މަސްރަޙު އޮތްގޮތުން ނޮވެމްބަރު 11 ގައި އިންތިޚާބީ ރައީސް ހުވާކުރުން ބުއްދިވެރިކަމެއްގެ ގޮތުގައި އެ ކޮމިޝަންގެ ހުރިހާ މެންބަރުންވެސް ޤަބޫލުކުރައްވާކަމަށެވެ.