ޚަބަރު

މަޖިލީހުގެ ޖަލްސާތައް ނުފެށެނީ އެޖެންޑާކުރާނެ މަސައްކަތެއް ނެތުމުން- ނިހާން


ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ނުފެށެނީ ތަޅުމަށް ހުށަހަޅާނެ މަސައްކަތެއް އެޖެންޑާކުރެވިފައި ނެތުމުންކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން ވިލިމާފަންނު ދާއިރާގެ މެމްބަރު ނިހާނު ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ފެށުމަށް މަޝްވަރާ ކުރެވުމުންދާކަމަށާއި ނަމަވެސް މިވަގުތު އެޖެންޑާކުރާނެ މަސައްކަތެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދު މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ޕީޖީ ގްރޫޕުގައި މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް އެންމެ އަވަހަށް ފެށޭނެކަމަށް ޤަބޫލުކުރެވެނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތަށް ކަމަށް ނިހާން ވިދާޅުވިއެވެ. އެހެންކަމުން ބަޖެޓު މަޖިލީހަށް ފޮނުވުމުން ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތައް ބާއްވާނޭކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ނުފެށި ދިގުލައިގެންދާއިރު، ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ އިތުރުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކުރިން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި މެންބަރުންވެސް އަންނަނީ މަޖިލީހުގެ ޖަލްސާތައް އަވަހަށް ބޭއްވުމަށް ގޮވާލަމުންނެވެ.