ޚަބަރު

ލިސްޓުގައިވާގޮތަށް އައު ސަރުކާރުން ފްލެޓް ނުދީފިނަމަ ކޯޓަށް ދެވޭނެ - މިނިސްޓަރ


ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މި ސަރުކާރުން ފްލެޓު ދޭން ކަނޑައެޅި ފަރާތްތަކަށް އައު ސަރުކާރުން ފްލެޓް ދޭނެ ކަމަށް އުއްމީދުރައްވާ ކަމަށާއި އެކަން ނުކޮށްދީފިނަމަ ދައުވާ ކުރުމުގެ ފުރުޞަތު ފްލެޓް ލިބުނު ފަރާތްތަކަށް އޮންނާނެ ކަަމަށް ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓު ލިބުނު ފަރާތްތަކާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ފްލެޓްތައް ލިބުނު ކަމަށް ގެޒެޓުގައި ޝާއިއުކޮށްފައި ވަނީ ސަރުކާރުގެ ރަސްމީ ލިޔުމެއް ކަމަށާއި އެހެން ކަމުން ދާއިމީ ލިސްޓުގައި ހިމެނުނު ފަރާތްތަކަށް ފްލެޓް ލިބުނު ކަމުގެ ހާއްޞަ ލިއުމެއް ސަަރުކާރުން ނުދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް އައު ސަރުކާރުން އެ ލިސްޓް އުވާލައިފި ނަމަ ފްލެޓް ލިބުނު ފަރާތްތަކަށް ކޯޓަށް ދިއުމުގެ ފުރުޞަތު އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ގެޒެޓުގައި އެވަނީ ދިވެހި ސަރުކާރުގެ ރަސްމީ ލިއުމެއް. އެއަށްވުރެ ވަކި ރަސްމީ ވާނެ ގޮތެއް ނޯންނާނެ. އަޅުގަނޑުމެން ފްލެޓް ލިބުނު ފަރާތްތަކަށް ލިއުމެއް ދިނުމަކީ ހަމަ އިތުރު ކަމެއް. އެހެންވީމާ ގެޒެޓް ހިފައިގެން ވެސް ޝަރީއަތަށް ދާން ބޭނުން މީހަކު ދާންވީ. މިސާލަކަށް ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ނަން އަރާފައި އޮއްވާ ދެން އަންނަ ސަރުކާރަކުން އޭނައަށް ފްލެޓް ނުދީފިއްޔާ ނޫނީ އެ ލިސްޓް އުވާލައިފިއްޔާ ކޯޓަށް ދެވޭނެ." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިޔާ މަޝްރޫއު ދަށުން ފެލްޓުތައް ލިބޭ ފަރާތްތައް ކަނޑައަޅާފައި ވާނީ އިޚްލާސްތެރިކަމާއެކު އޭގައި އެއްވެސް އޮޅުވާލުމެއް ނެތި ދެފުށްް ފެންނަގޮތަށްކަމަށެވެ. އެހެން ކަމުން އައު ސަރުކާރުން ވެސް އެ މަޝްރޫއު އެގޮތަށް ކުރިޔަށް ގެންގޮސް ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންނަށް ފްލެޓް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުރިން އަޅުގަނޑުމެންނަށް ފެނުނު ހުޅުމާލެއަކީ ރައީސް މައުމޫން ހިއްކާފައިވާ ތަނަކަށްވާތީ އެތަން ދޫކޮށްލާފައި ގުޅީފަޅު ހިއްކައިގެން އެއްވެސް ކަހަލަ ޕްލޭނެއް ނެތި އެތަނުގައި ފްލެޓުތަކެއް އެޅުމަށްޓަކައި ކަންތައްތަކެއް ފަށާ ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔަތަން. އެހެން ވީމާ އެފަދަ ޒާތީ ކަންތައްތަކެއް ފެނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމަކަށް ވާނީ." ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ފްލެޓް ލިބޭނެ ކަމަށް އިއުލާން ކޮށްފައިވާ ފަރާތްތަކަށް ބަދަލު ނުގެނެސްފިނަމަ އެ ފަރާތްތަކަށް ކުރިއަށް އޮތް އަހަރުގެ ޖޫން ޖުލައި ހިސާބުގައި ފްލެޓްތަކުގެ ބޭނުން ހިފޭވަރު ވާނެ ކަމަށެވެ. އަދި އުއްމީދަކީ އެތަކެއް ހާސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ރައީސް ޔާމީން ފައްޓަވައިފައިވާ ގެދޮރުގެ މަޝްރޫޢުތައް އައި ސަރުކާރަކުން ވެސް ކުރިއަށް ގެންދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.