ޚަބަރު

ފަތުރުވެރިކަމުގެ ސިނާއަތަށް ދަރިވަރުން އަހުލުވެރިކުރުމުގެ ޙަރަކާތެއް ޓޫރިޒަމް މިނިސްޓްރީން ހިންގައިފި


ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ ޚިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ޓޫރިޒަމް މިނިސްޓްރީން ސްކޫލްތަކުގެ ދަރިވަރުން ދީފިއެވެ. އެގޮތުން މިއަދު ސްކޫލްތަކުގެ ދަރިވަރުން ރިސޯޓުތަކަށް ގެންގޮސް އެތަންތަނުގައި ދޭ ޚިދުމަތް އެކުދިންނަށް ދައްކާލުމުގެ ޚާއްޞަ ޙަރަކާތެއް ޓޫރިޒަމް މިނިސްޓްރީން ކުރިޔަށް ގެންދިޔެއެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ފަތުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ކުރިޔަށްދާގޮތް ދައްކާލުމަށްޓަކާ، ޓުއަރިޒަމް މިނިސްޓްރީންދަނީ ކޮންމެ އަހަރަކުވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ދަރިވަރުން އަހުލުވެރިކުރުމުގެ ދަތުރުތަކެއް ރާވަމުންނެވެ. މިޙަރަކާތުގެ ތެރެއިން ރާއްޖޭގެ ރިސޯޓުތަކަށް ދަރިވަރުންނަށް ޒިޔާރަތްކުރުމުގެ ފުރުސަތު މިވަނީ ދީފައެވެ.

"އަޅުގަނޑުމެން ޓުއަރިޒަމް ޑޭ އާ ދިމާކޮށް، މިހަރަކާތް ކުރިޔަށް ގެންދާތާ މިއީ ހަތަރުވަނަ އަހަރު. ކޮންމެ އަހަރަކުވެސް ޓޫރިޒަމް ޑޭއާ ދިމާކޮށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި އަތޮޅުތަކުގެ ސްކޫލް ކުދިންނާ އަމާޒުކޮށްގެން މިޕްރޮގްރާމް ހިންގަނީ. އަތޮޅުތަކުގެ ކުދިންދާނީ އެރަށަކާ ކައަރީގަ ހުންނަ ރިޒޯޓަކަށް. މާލެ، ހުޅުމާލެ އަދި ވިލިނގިލި ކުދިން ދާނީ މާލޭ އަތޮޅުގައި ހުންނަ ރިޒޯޓުތަކަށް." ޓުއަރިޒަމް މިނިސްޓްރީގެ ޑިރެކްޓަރ ޕްލޭނިން، އަލީ ޝިނާން ވިދާޅުވިއެވެ.

މިއަހަރުގެ ޙަރަކާތުގައި ބާރަ އަތޮޅަކުން، ފަންސަވީސް ސްކޫލެއްގެ ތިންސަތޭކަ ނުވަދިހަ ހަތް ދަރިވަރުން ބައިވެރިވިއެވެ. މީގެތެރޭގައި މި ސްކޫލްތަކުގެ ގްރޭޑް އަށެއް އަދި ނުވައެއްގައި ކިޔަވާ ދަރިވަރުން ހިމެނެއެވެ. މިޙަރަކާތުގައި ދަރިވަރުންނާއެކު ފަސްދޮޅަސް ނުވަ ޓީޗަރުންނާ، ތީރީސް ދެ ބެލެނިވެރިންވެސް ބައިވެރިވިއެވެ. ދަރިވަރުން އެކި ގްރޫޕުތަކައް ބަހާލައިގެން ތިރީސް ފަސް ރިސޯޓަކަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ގެންދިޔައެވެ.

މިޙަރަކާތުގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ދާއިރާގައި ކުރަމުންދާ މަސައްކަތްތައް ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބި ، ކުރިން މި ދާއިރާއިން ނޭގޭ އެތަކެއް މަޢޫލޫމާތުތަކެއް ލިބިގެންދާނެކަމަށް އެކުދިން ދެކެއެވެ. އަދި ރިސޯޓުތައް ހިންގާގޮތް ފެނުމުން ކެރިއަރއެއްގެ ގޮތުން ފަތުރުވެރިކަމުގެ ސިނާޢަތް އިޚުތިޔާރުކުރުމަށް ޝައުގުވެރިކަން އިތުރުވާނެކަމަށް ދަރިވަރުން ބުނިއެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ މިޙަރަކާތަކީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގެ މަޢލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، އެތަންތަނުގެ އެކި ޑިޕާޓްމަންޓުތަކަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް ދަރިވަރުންނަށް އަންގައިދިނުމަށް ކުރިޔަށްގެންދާ ޙަރަކާތެކެވެ. އަދި މިސިނާޢަތައް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކުރުމަކީވެސް މި ޙަރަކާތް ކުރިޔަށްގެންދިއުމުގެ އެއް މަޤްޞަދެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. 27 ސެޕްޓެންބަރު މަހު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީއިންދަނީ ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ.