ޚަބަރު

މިންތީގެ ހަމަހަމަކަމަށް ކުރާ މަސައްކަތުގައި އައު ސަރުކާރުގެ އެއްބާރުލުން ލިބޭނެކަމަށް ހީކުރަން - ޝޯކޯ ނޯޑާ


ޤައުމު ހިންގުމުގެ ސިޔާސަތުތަށް ބިނާކުރުމުގައި މިންތީގެ ހަމަހަމަކަމާއި، ތިމަވެށި ރައްކާތެރިކުރުމަށްކުރާ މަސައްކަތްތައް އިތުރުކުރުމަށް އދ.އިން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ދާއިމީ މަންދޫބް ޝޯކޯ ނޯޑާ ގޮވާލައްވައިފިއެވެ.

ޝޯކޯ ނޯޑާ މިހެން ގޮވާލައްވާފައިވަނީ އދ.އިން ރާއްޖޭގައި ހިންގާ އިދާރާތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަށް ޙާސިލުކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު އިންތިޚާބީ ރައީސްގެ ޓްރާންސިޝަން ކޮމިޓީއާ ޙިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝޯކޯ ނޯޑާވަނީ ރާއްޖެއިން ސާސްކަފްގެ ތަރައްޤީގެ ލަނޑުދަނޑިތަކުގައި ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަށް ޙާސިލުކުރުމުގައިވެސް މިފަދަ ކާމިޔާބީއެއް ރާއްޖެއިން ހޯދާނެކަމުގެ އުންމީދުކުރައްވާކަމުގައި އޭނާވަނީ ވިދާޅުވެފައެވެ.

ތިމާވެށި ރައްކާތެރިކުރުމާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމެއްގައިވެސް މި ލަނޑުދަނޑިތަށް ޙާސިލުކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި މި ބައްދަލުކުރުމުގައި ވަނީ އދ.އިން ރާއްޖޭގައި ހިންގާ އިދާރާތަކުން އެ އިދާރާތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކޮށްފައެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަށް ވީއެންމެ އަވަހަކަށް ޙާސިލުކުރުމަށް ކުރެވޭނެ މަސައްކަތްތަށް މިއިދާރާތަކުން ވަނީ ކިޔާދީފައެވެ. އަދި އިންތިޚާބީ ރައީސްގެ ޓްރާންސިޝަން ކޮމިޓީންވަނީ އދ.ގެ އިދާރާތަކާއި ސުވާލުކޮށް ދެފަރާތް އެކުގައި މަސައްކަތްކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާކޮށްފައެވެ.