ޚަބަރު

ރައީސްޔާމީނަކީ ފިއްލަވާނެ ބޭފުޅެއް ނޫންކަމަށް ޕީޕީއެމްވެސް ބުނެފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤައުމު ދޫކުރައްވައި ބޭރަށް ވަޑައިގަންނަވަން އުޅުއްވާކަމަށް ދެކެވެމުންދާ ވާހަކަތައް ޕީޕީއެމުންވެސް ދޮގުކޮށްފިއެވެ.

ރައީސް ޔާމިންގެ މައްޗަށް އިދިކޮޅުފަރާތްތަކުން ގިނަ ތުހުމަތުތަކެއް ކުރާ ދަނޑިވަޅެއްގައި ޤައުމު ދޫކުރައްވައި ވަޑައިގަންނަވަން އުޅުއްވާކަމަށް ބުނެ އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ވަނީ ފުލުހުންނަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.

އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ގެންދަވާއިރު، މިހާތަނަށް ރައީސް ޔާމީނާމެދު، އެއްވެސް ތަހުޤީޤީ އިދާރާއަކަށް އެއްވެސް މައްސަލައެއް ހުށަހަޅާއި ތަހްޤީޤުކުރަމުން ނުދެއެވެ. އަދި އެފަދަ މައްސަލައެއް ސާބިތުވެފައެއްވެސް ނުވެއެވެ.

ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ރިޝްވަތާއި، ފަސާދައިގެ ޢަމަލެއްގެ ތުހުމަތުކޮށް 2010ވަނަ އަހަރު އޭރުގެ ސަރުކާރުން ސިފައިން ފޮނުވައިގެން ރައީސް ޔާމީން ހައްޔަރުކޮށް ދޫކޮށްލުމުންވެސް އެމަނިކުފާނު ފިއްލަވާފައިނުވާކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށް އެމައްސަލަ އެމްޑީޕީގެ ވެރިކަމެއްގައި ތަޙްޤީޤްވެސް ކޮށްފައިވާކަމަށާ، އެ މައްސަލާގައި ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ސާބިތުކަމާއެކު ޖަވާބުވެސް ދެއްވާފައިވާނެކަމަށެވެ.

މިހުރިހާކަމެއް ހިނގިއިރުވެސް ފިއްލަވަން ނޫޅުއްވައި މިހާރު އެކަން ކުރައްވަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެފަރާތްތަކުން ބުނެއެވެ.