ޚަބަރު

ހެކި ނައްތާލުމުގެ ކުށުގެ އަދަބު ބޮޑުކުރަންޖެހޭ - މާރިޔާ


ކޮރަޕްޝަން ސާބިތުކުރުމަށް ބޭނުންހިފިދާނެ ހެކި ނައްތާލުމުގެ ކުށަށް ލިބޭ އަދަބު ބޮޑުކުރަންޖެހޭކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާން މަރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރަށް ބަލާއިރު، ކޮރަޕްޝަން ސާބިތުކުރުމަށް ބޭނުންހިފިދާނެ ހެކި ނައްތާލައިފިނަމަ އެ ކުށަކަށް ލިބޭ އަދަބު ބޮޑުކުރަންޖެހޭކަމަށެވެ.

އިނގިރޭސިވިލާތުގައި ވައްކަމަށް ލިބޭ އަދަބަށްވުރެ ވަގުމުދާ ގަނެ ވިއްކަން އުޅުމުގެ އަދަބު ބޮޑުކުރުމުން ވައްކަމުގެ މައްސަލަތައް މަދުވިކަމަށް މާރިޔާގެ ޓްވީޓްގައި މިސާލު ޖައްސަވައި ވިދާޅުވެފައިވެއެވެ. އިންތިޚާބީ ރައީސްގެ ތަރުޖަމާނު މިހެން ވިދާޅުވެފައި މިވަނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ރައީސް ޢަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ޚަރަދުތަކެއް ކޮށްފައިވާކަމަށާއި، ކެމްޕެއިނަށް ގެނެސްފައިވާ ބައެއް ތަކެތި ނައްތާލަން އުޅޭކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.