ޚަބަރު

3 މައްސަލައަކާ ގުޅިގެން އީޕީއޭއިން ހައުސިންގ މިނިސްޓްރީ ޖޫރިމަނާކޮށްފި


ތިން މައްސަލައަކާ ގުޅިގެން އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން ހައުސިންގ މިނިސްޓްރީ ޖޫރިމަނާކޮށްފައި ވަނީ މާލޭގެ ދެކުނުފަރާތާއި، އިރުމަތީ ފަރާތުން ވަށައިގެން ހުރި ރުއް ގަސްތައް ހުއްދަ ނެތި ކެނޑުމުންނާއި، މާލޭ ރިންގް ރޯޑް ތަރައްޤީކުރިއިރު އީއައިއޭ ރިޕޯޓް ނުހަދާ އޮތުމުންނާއި ފުވައްމުލައް ސިޓީގެ ރިންގް ރޯޑް ތަރައްޤީކުރި އިރު އީއައިއޭ ރިޕޯޓަށް ރިޔާޢަތްކޮށްފައި ނުވާތީއެވެ.

މީގެތެރެއިން މާލޭގެ ދެކުނު ފަރާތާއި، އިރުމަތީ ފަރާތުން ވަށައިގެން ހުރި ރުއް ގަސްތައް ހުއްދަ ނުނަގައި ކެނޑި މައްސަލައިގައި، ހައުސިންގ މިނިސްޓްރީ ވަނީ އެއްލައްކަ ނުވަދިހަ އެއް ހާސް ދުއިސައްތަ ފަންސާސް ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މާލޭ ރިންގް ރޯޑް ތަރައްޤީކުރިއިރު އީއައިއޭ ރިޕޯޓް ހަދާފައި ނުވާތީ ވިހި ހާސް ރުފިޔާއިން ހައުސިންގ މިނިސްޓްރީ ޖޫރިމަނާކޮށްފައިވާއިރު، ފުވައްމުލައް ސިޓީގެ ރިންގް ރޯޑް ތަރައްޤީކުރި އިރު އީއައިއޭ ރިޕޯޓަށް ރިޔާޢަތްކޮށްފައި ނުވާތީ ފަސްދޮޅަސް ހާސް ރުފިޔާއިން ހައުސިންގ މިނިސްޓްރީ ވަނީ ޖޫރިމަނާކޮށްފައެވެ.

މިމައްސަލަތަކުގައި އީޕީއޭއިން ހައުސިން މިނިސްޓްރީއާމެދު ފިޔަވަޅު އަޅާފައިވަނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދުގެ ދަށުންނެވެ. ޖޫރިމަނާތަކަށް ފައިސާ ދެއްކުމަށް ހައުސިންގ މިނިސްޓްރީއަށް ވަނީ ތިރީސް ދުވަހުގެ މުއްދަތެއް ދީފައެވެ.