ޚަބަރު

ސޫރިޔާގައި ހާލުގައި ޖެހިފަތިބި ޔަތީމު ކުދިންނަށް ޚާއްސަ އަވަށެއް ހުޅުވައިފި


ސޫރިޔާގައި ހާލުގައި ޖެހިފައިތިބި ޔަތީމު ކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމަށްޓަކައި ތުރުކީގައި ޚާއްސަ އަވަށެއް ހުޅުވައިފިއެވެ.

"ބިނާއުލް އިންސާން"ގެ ނަމުން ނަންދީފައިވާ މިއަވަށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޖަމްޢިއްޔާއެއްކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައި.އޭ.ސީ އާއި އެހީ ޖަމުޢިއްޔާއިން ވަނީ ބައިވެރިވެފައެވެ.

ތުރުކީގައި އިންސާނިއްޔަތަށް މަސައްކަތްކުރާ މައި ޖަމްޢިއްޔާ އައި.އެޗް.އެޗް ހިއުމެނިޓޭރިއަން ރިލީފް ފަންޑުން "ބިނާއުލް އިންސާން"ގެ ނަމުން ނަންދީ ޤާއިމުކުރި މި އަވަށަކީ ހަނގުރާމައިގެ ސަބަބުން ޔަތީމުވެ ދަތިހާލުގައި ޖެހިފައި ތިބި ކުދިންނަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދިނުމައްޓަކައި ހުޅުވި އަވަށެއްކަމަށް އީހާހާއިއެކު ރާއްޖޭގައި މަސައްކަތްކުރާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީއިން ބުނެއެވެ.

އަވަށް ހުޅުވުމުގެ ރަސްމިއްޔާތަށް އައި.އޭ.ސީއާއި އެހީ ޖަމުޢިއްޔާއިން ތުރުކީއަށްކުރި ދަތުރުގެ ތެރެއިން އެޖަމްޢިއްޔާއިން ވަނީ ސީރިޔާގައި ހާލުގައި ޖެހިފައިތިބި މުސްލިމުންނަށް ދިވެހިންގެ ފަރާތުން ފޯރުކޮށްދީފައިވާ އެހީތައްވެސް ތުރުކީގެ އީހާހާ ޖަމްޢިއްޔާއާއި ހަވާލުކޮއްފައެވެ.

"އެޕީލް ފޯރ އެމަޖެންސީ ރިސްޕޮންސް އިން އިދްލިބް"ގެ ނަމުގައި އައިއޭސީއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުން 5 ހާސް އެމެރިކާ ދޮލަރު ވަނީ ހަދިޔާކޮށްފައެވެ. މިއެހީ ހަވާލުކުރުމަށްފަހު ފޭސްބުކް މެދިވެރިކޮށް ދެއްވި އިންޓަވިއެއްގައި ވާހަކަދައްކަވަމުން އައިއޭސީގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ ތުރުކީގެ އީހާހާ ޖަމުޢިއްޔާއިން އަށްސަތޭކަ ވޮލަންޓިއަރުން މަސައްކަތްކުރަމުންދާއިރު، ސޫރިޔާގައި ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީވުމަށް ބޭނުންވާކަމަށެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއަކީ ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކެއް އެއްވެގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮއްދިނުމަށް 2016 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. އެގޮތުން މި ޖަމިއްޔާއިން ވަނީ ސޫރިޔާގެ އެކި ސަރަހައްދުތަކާއި ރޮހިންޔާ މުސްލިމުންނަށް އެހީ ފޯރުކޮއްދިނުމަށް ކެމްޕެއިންތަށް ކުރިއަށް ގެންގޮސްފައެވެ.