ޚަބަރު

އަޅުގަނޑުގެ ނުކުޅެދުންތެރިކަމަކީ މީހުން ދަސްނުވުން - ރައީސް ޔާމީން


ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެމަނިކުފާނަށް އެންމެ އުދަގޫވެވަޑައިގެންނެވިކަމަކީ ނުވަތަ އެމަނިކުފާނުގެ ނުކުޅެދުންތެރިކަމަކީ، މީހުން ދަސް ނުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފަސް އަހަރު ދުވަހުގެ ތެރޭގައި މީހުންގެ ފިކުރަށާއި، ވިސްނުމަށް ބަދަލު އަންނަނީ ކޮންކަހަލަ ނަޒަރަކުންކަން އެމަނިކުފާނަށް ވިސްނިވަޑައިނުގެންނެވިކަމަށެވެ. އަދި އެކަންކަމާ ފިޔަވަޅު އެޅުމަށް އެމަނިކުފާނު ނުކުޅެދުނުކަން ހާމަކުރައްވަމުން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ، އޭގެނަތީޖާއެއްގެ ގޮތުން ޤައުމުގެ މަސްލަހަތަށްވުރެ ވަކި ބައެއްގެ އަމިއްލަ މަސްލަހަތަށް އިސްކަންދެވިފައިވާކަމަށެވެ. ޤައުމުގެ މަސްލަހަތުގެ ކުރިއަށް، ދައުލަތާއި މުޅި ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރެވުނުތަން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ފެނިވަޑައިގެންފައި ނުވާކަމަށްވެސް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވިއެވެ.

ޤައުމުގެ ހުރިހާ ދިމާއަކުންވެސް ފެންނަކީ ޤައުމީ މަސްލަހަތު ހަވާސާގައި ބާއްވާފައި އަމިއްލަ ކަންކަމށް އިސްކަންދީ ޤައުމާދޭތެރޭ ކޮންމެ ގޮތެއްވުން ހެޔޮކަމަށް ދޫކޮށްލާތަންކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އެމަނިކުފާނުގެ ސަރުކާރުގައި ޖާގަ ދޭން ބޭނުންފުޅު ނުވިކަމެއްކަމަށާ، އެމަނިކިފާނު މަސައްކަތްކުރެއްވީ ހުރިހާކަމެއްވެސް އުސޫލްތަކާއި ޤާނޫނުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނާމެދު ކަންކަން ނިންމާއިރު ރާއްޖެ އޮތް ހާލަތު ބަދަލުވެއްޖެތޯއާއި، ރައްޔިތުންނަށް ދިމާވި ބޮޑެތި މައްސަލަތައް ހައްލުކުރެވިފައިވޭތޯއާއި، ކުރިއެރުން ބޭނުންވާ ދާއިރާތަކަށް ކުރިއެރުން ލިބިފައިވޭތޯއާއި ރައްޔިތުންގެ ތެރޭގައި އަދުލްއިންސާފް ޤާއިމްކުރުމަށް މަސައްކަތްކޮށްފައިވޭތޯ ބަލައި މިންކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ރައީސް ޔާމީންވަނީ، ރައީސްކަމުގެ ރަސްމީ މަސައްކަތް ނިންމަވައިލެއްވުމަށްފަހު ވެސް ހުންނަވާނީ ޤައުމަށް ހެޔޮއެދޭ ޤައުމަށް ވަފާދާރު ރައްޔިތެއްގެގޮތުގައި، ސިޔާސީ މަސައްކަތުގައިކަމަށްވެސް ވިދާޅުވިއެވެ.