ޚަބަރު

ރައީސް ނަޝީދު ސަޢޫދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަޢޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި ދަތުރުފުޅުގައި މަޝްވަރާކުރައްވާފައިވަނީ ދެޤައުމުގެ ދެމެދު އޮތް ގުޅުން ހަރުދަނާ ކުރުމާއި ގުޅޭގޮތުންކަމަށެވެ. އަދި ސަޢޫދީ ޢަރަބިއްޔާ އިން ގުޅުން ބާއްވަން ބޭނުންފުޅުވަނީ އެއިރެއްގެ އޮންނަ ސަރުކާރަކާއެކުގައިކަން ސަޢޫދީ ރަސްގެފާނު ހާމަކުރާއްވާފައިވާ ކަމަށްވެސް ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު ވަނީ ލަންޑަނަށް ވަޑައިގެންފައެވެ. ރައީސް ނަޝީދުގެ އަރިހުގައި މި ދަތުރުފުޅުގައި އެމަނިކުފާނުގެ ސަރުކާރުގެ ފޮރިންގ މިނިސްޓަރ އަޙްމަދު ނަސީމްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ރައީސް ނަޝީދު ސަޢުދީ އަރަބިއްޔާއަށް ވަޑައިގެންފައިވާއިރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ސަޢޫދި ޢަރަބިއްޔާއާ ރާއްޖެއާ ދެމެދު ވަރަށް ބަދަހި ގުޅުމެއް ޤާއިމް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.