ޚަބަރު

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި


ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އަންނަ ނޮވެމްބަރ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް މި ފުރުޞަތު ހުޅުވާލާފައިވާއިރު، ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް، އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހޭކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

މިމަޤާމަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި، ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހޭނެކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ފުލުހުންގެ ވަޒީފާތަކަށް ކުރިމަތިލާ ފިރިހެނެއްނަމަ އިސްކޮޅު 5 ފޫޓް 3 އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅު 5 ފޫޓަށްވުރެ ކުރުނުވުމާއި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.