ޚަބަރު

"ޑިޕްލޮމަސީ ޓޯކްސް ސީރީޒް" ނޮވެންބަރުމަހު ރާއްޖޭގައި


ޒުވާނުންގެ މެދުގައި އިޖްތިމާޢީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވަމުން އަންނަ "ޑިޕްލޮމަސީ ޓޯކްސް ސީރީޒް" އަންނަ ނޮވެންބަރުމަހުގެ ރާއްޖޭގައި ބާއްވަން ނިންމައިިފިއެވެ.

"ޑިޕްލޮމަސީ ޓޯކްސް ސީރީޒް" އަކީ މެލޭޝިޔާގެ ބްރިކްސްފީލްޑް އޭޝިޔާ ކޮލެޖުގެ ދަރިވަރުންގެ އިސްނެގުމުގެ މަތިން ކުރިޔަށްގެންދާ ޙަރަކާތެކެވެ. މިއީ ޒުވާނުންގެ އިޖްތިމާޢީ ރޮނގުން ބާރުވެރިކޮށް ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރު އެޅުމުގެގޮތުން، ކަމާގުޅުން ހުރި މުހިންމު ކަންތައްތަކާއި ބެހޭ މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުން ބާއްވާ މަޝްވަރާ ޙަރަކާތެކެވެ. "ޑިޕްލޮމަސީ ޓޯކްސް ސީރީޒް" ރާއްޖޭގަ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 23ގައި ހޮޓެލް ޖެންގައެވެ.

"ޑިޕްލޮމަސީ ޓޯކްސް ސީރީޒް"ގެ ދަށުން އދގެ 2030ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތައް ޙާޞިލުކުރުމަށް މުޖުތަމަޢަށް ކުރިމަތިވެފައިވާ ކަންކަން ޙައްލުކުރުމުގައި ޒުވާނުންނަށް ކުރެވޭނެ ކަންތައްތަކާބެހޭ ގޮތުން މި ޙަރަކާތުގައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. "ޑިޕްލޮމަސީ ޓޯކްސް ސީރީޒް"ގައި އދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތަކުގެ ތެރެއިން ގިންތިއާއި މިންތީގެ ހަމަހަމަކަމާއި، ތިމާވެއްޓާއި މޫސުމީ ކަންކަމާއި އިޤްތިޞާދީ ކުރިއެރުމާއި، ވަޒީފާގެ މާޙައުލުގައި ގެންގުޅޭ ހަމަތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ،

މިގޮތުން މިލަނޑުދަޑިތައް ޙާޞިލުކުރުމުގައި ޒުވާނުންގެ ދައުރާއި، ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތައްދެނެގަނެ، އެކަންތައް ޙައްލުކުރުމަށް ޒުވާނުންގެ ފެންވަރުގައި ކުރެވިދާނެ ކަންތައްތަކާބެހޭ މުހިންމު މަޝްވަރާތަކެއް "ޑިޕްލޮމަސީ ޓޯކްސް ސީރީޒް" ޙަރަކާތުގައި ކުރިޔަށްދާނެކަމަށް ،މި ޙަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.