ޚަބަރު

ސިއްރު ހެކިބަސް ނުނަގާ އަޑުއެހުންތައް ނިންމާލައިފި، ދެން އޮންނާނީ ޙުކުމް އިއްވުން


ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑު އެހުންތައް ނިންމާލައިފިއެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް މިއަދު ނިންމާލާފައިވާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ސިއްރު ހެކިންގެ ހެކި ބަސް ނުނެގުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އިންތިޚާބު ބާތިލްކުރުމަށެވެ.
ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުންތައް ނިންމާލި ނަމަވެސް، މައްސަލައިގެ ހުކުމް އިއްވާނެ ތާރީޙެއް ކަނޑައަޅާފައެއްނުވެއެވެ. ނަމަވެސް ދެން އޮންނާނީ މައްސަލާއިގެ ޙުކުމް އިއްވުމެވެ.

ޝަރީޢަތް ފައްޓަވަމުން އުއްތަމަ ފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ސިއްރު ހެކިބަސް ނުނެގުމަށް ނިންމީ ސިއްރު ހެކިބަސް ނަގަންޖެހޭ ޙާލަތެއް ނެތުމުން ކަމަށެވެ. މިފަދައިން ވިދާޅުވުމަށްފަހު އުއްތަމަ ފަނޑިޔާރު ވަނީ މައްސަލާއިގައި ފަހުބަސް ވިދާޅުވުމަށް ހުރިހާ ފަރާތްތަކަށްވެސް ފުރުޞަތު ދެއްވާފައެވެ.

މި ފުރުޞަތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްބާސް ޝަރީފް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ 2013ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނުތަކާއި ޚިލާފަށް ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން މައްސަލާގައި ބަޔާން ކުރެވިފައިވާ ކަންކަން ތަޙްގީގް ކޮށްދިނުމަށް ކަމާގުޅުންހުރި ފަރާތްތަކަށް އަމުރު ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެ ތަޙްޤީގުގައި 11 ކަމެއް ފާހަގަކުރެވޭތޯ ބަލައި ދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފައެވެ.

އެގޮތުން 25 ޕަސެންޓާއި 30 ޕަސެންޓާއި ދެމެދު ޢަދަދެއްގެ ވޯޓު ކަރުދާހުގައި އެއްވެސް ކެމިކަލެއް ބޭނުން ކޮށްފައިވޭތޯ ބަލައި ދިނުމަށް ހުށަހަޅާފައިވެއެވެ. އަދި ކޮމްޕިއުޓަރު ބޭނުން ކޮށްގެން އެއްވެސް ވޯޓު ކަރުދާހެއްގައި ފާހަގަ ޖަހާފައިވޭތޯ ބަލައި ދިނުމަށާއި ފޮހެވޭ ގަލަމެއް ގެންގުޅެވިފައިވޭތޯ ބަލައި ދިނުމަށް ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގެ ބެންޗުގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.

ފަނޑިޔާރުންގެ ބެންޗުގެ ކިބައިން އެދިފައިވާ ކަންކަމުގެ ތެރޭގައި ވޯޓު ކަރުދާސްތައް ބަންދުކޮށްފައި ހުރި ސިޓީ އުރަތައް ޤަވާއިދާއި ޚިލާފަށް ހުޅުވާފައިވޭތޯއާ ޤަވާއިދާއި ޚިލާފަށް އެ ސިޓީ އުރަތައް ބަންދުކޮށްފައިވޭތޯ ބަލައިދިނުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ވޯޓު ކަރުދާހުގެ ސެކިއުރިޓީ ފީޗަރތައް ހަމައަށް ހުރިތޯ ބަލައިދިނުމަށް އެދިފައިވާއިރު އެއްވެސް ކަރުދާހެއްގައި ދެ ފަހަރަށް ފާހަގަ ޖަހާފައިވޭތޯ ބަލައި ދިނުމަށްވެސް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތްޕުޅުން ވަނީ ފަނޑިޔާރުންގެ ބެންޗުގައި އެދިވަޑައިގެންފައެވެ.

މި މައްސަލާގައި ފަހުބަސް ވިދާޅުވުމަށް ދެއްވި ފުރުޞަތުގައި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ވަކީލް ޙުޞައިން ޝަމީމް ވިދާޅުވީ މައްސަލާގައި ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު ހުށަހަޅުއްވައިގެން އުޅުއްވަނީ ކޮން ކަހަލަ މައްސަލައެއްކަން ސާފުނުވާ ކަމަށެވެ. ޝަމީމް ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ ހުރިހާ ނިޒާމެއްވެސް ވަނީ ފުރިހަމަކަމާއި އެކީގައި ޤާއިމްކޮށްފައި ކަމަށެވެ. އޭނާ ވިދާޅުވީ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް އެއްވެސް ޝަކުވާއެއް ހުށަހެޅޭނެ ގޮތެއް ނެތް ކަމަށްވާނަމަ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ.

މައްސަލާއިގައި ތަދައްޚުލްވެފައިވާ ސިޔާސީ ޕާޓީތަކުގެ ޤާނޫނީ ވަކީލް ޙިސާން ޙުޞައިން ވަނީ މައްސަލާގައި ވީ އެންމެ އަވަހަކަށް ޙުކުމް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.