ޚަބަރު

ރީބްރޭންޑުކުރުމަށްފަހު ސަން މީޑިއާ އަލުން ލޯންޗުކޮށްފި


ރީބްރޭންޑުކުރުމަށްފަހު ސަންމީޑިއާގެ ދަށުން ހިންގާ ސަން އޮންލައިނާއި ސަން ޓީވީއާއި މަޖައްލާ އަލުން ލޯންޗުކޮށްފިއެވެ.

ސަން މީޑިއާގެ ދަށުން ހިންގި އޮންލައިން ނޫހާއި ޓީވީއާއި މަޖައްލާ މިދިޔަ މަހުގެތެރޭގައިވަނީ ވަގުތީ ގޮތުން މެދުކަޑާލާފައެވެ. ވަގުތީގޮތުން ޚިދުމަތްތައް މެދުކަނޑާލުމަށްފަހު ސަން މީޑިއާ އަލުން ރީލޯންޗުކުރުމަށް މިއަދު ވަނީ ނޭޝަނަލް އާރޓް ގެލަރީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ސަން ގްރޫޕުގެ ބޯޑު މެންބަރުންނާ، ސަން މީޑިއާގެ އިސްވެރިން އަދި މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ.

ރީ ލޯންޗިން ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަން މީޑިއާގެ އެކްޓިން ސީއީއޯ، ހިރިގާ އަހުމަދު ޒާހިރު ވަނީ އަލުން ސަން މީޑިއާ ރީބްރޭންޑުކޮށް އިފްތިތާހުކުރެވިފައިވަނީ ކުރިޔަށްވުރެ ފުޅާ ދާއިރާއެއްގައި ސަން ޓީވީ އަދި އޮންލައިންގެ ޚިދުމަތްވެސް ދިނުމުގެ މަޤްސަދުގައިކަމަށެވެ. ޒާހިރުގެ ވާހަކައިގައިވަނީ މީޑިއާގެ މުހިންމުކަމާ، ރާއްޖޭގެ މީޑިއާތަކުގެ ތެރެއިން ސަން މީޑިއާއަކީ ފާހަގަކުރެވޭ ވަރުގެ ޚިދުމަތްތަކެއް ދެމުންދާތާ 15 އަހަރުވެފައިވާ މީޑީއާއެއްކަން ފާހަގަކޮށްފައެވެ.

" ރީބްރޭންޑިންއަށްފަހު މިއަދު އަޅުގަނޑުމެން ސަން މީޑިއާގެ މަސައްކަތް ފަށާއިރު، އޮންލައިންނާ ހަމަހަމަވާގޮތެއްގައި އަޅުގަނޑުމެން ކާމިޔާބު ޓީވީ ޗެނަލެއް ހިންގުމަކީ އަޅުގަނޑުމެންގެ އަޒުމެއް. އަޅުގަނޑު ގަބޫލުކުރާގޮތުގައި މީޑިއާގެ ދައުރަކީ ހަމައެކަނި ޚަބަރާއި މައުލޫމާތު ގެނެސްދިނުމެއްނޫން. އޭގެ ބަދަލުގައި މީޑިއާވާންޖެހޭ ނަތީޖާތައް ނެރެވޭވަރުގެ މަސައްކަތްކުރެވޭ ބަޔަކަށް ވާންޖެހޭ. ސަން މީޑިއާގެ ކުޑަދަށުގައިވާ ވަސީލަތްތަކުން މިދެންނެވި ގޮތައް ނަތީޖާ ނެރެވޭ މަސައްކަތްތަކެއް ތާރީޚުގައިވެސް ވަނީކޮށްފައި"

ޒާހިރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސަން މީޑިއާ ގްރޫޕުގެ ޑިރެކްޓަރ ޢަލީ މައުރޫފު ވިދާޅުވީ ސަން މީޑިއާ ގްރޫޕްގެ މަޤްސަދަކީ ކުރިއަށްވުރެއްވެސް ޢާންމުން އިތުބާރުކުރާ، ޚިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށެވެ.

"ސަން މީޑިއާގެ ޚިދުމަތައް 15 އަހަރުވެފައިވާއިރު، މިޚިދުމަތް މިއަށްވުރެ ރަގަނޅު ފެންވަރެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކާ އަލުން ސަން މީޑިއާ ފެށިގެން މިދަނީ. މީޑިއާގައި މަސައްކަތްކުރާ ބޭފުޅުން ދިވެހިރާއްޖޭގައި ކޮށްދެނީ ވަރަށް ޚިދުމަތްތެރި މަސައްކަތެއް. އަޅުގަނޑު މިފުރުސަތުގައި ސަން މީޑިއާ ގްރޫޕުގެ ހުރިހާ ބޭފުޅުންނަށް ޝުކުރާ މުބާރަކްބާދީ ރައްދުކުރަން"

މައުރޫފް ވިދާޅުވިއެވެ.

ޖުމުލަ 70އަށްވުރެ ގިނަ ސްޓާފުން ހިމެނޭ ސަން މީޑިއާ ގްރޫޕް ހިންގަމުންދަނީ ސަން ފްރޫޕުގެ ދަށުންނެވެ.