ޚަބަރު

12 މެންބަރުންގެ މައްޗަށް އުފުލި ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފި


ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ރައްޔިތުންގެ މަޖިލީހަށް ވެންނެވިކަމަށް ބުނާ 12 މެންބަރުންގެ މައްޗަށް ދައުތަލުންކުރި ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފިއެވެ.

މަޖިލީހުގެ 12 މެންބަރަކަށް ދައުލަތުން އުފުލި ދައުވާ އަނބުރާ ގެންގޮސްފައި މިވަނީ މިދައުވާއާއި ގުޅިގެން އަޑުއެހުންތަކެއް ވެސް ބޭއްވުމަށްފަހު އެވެ. ނަމަވެސް އެމައްސަލައިގެ ޝަރީޢަތް ކުރިއަށް ނުގެންދާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ދައުލަތުން ދައުވާ އަނބުރާ ގެންދިޔަ ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.

ދައުލަތުން ދައުވާކުރަން ފޮނުވި މެންބަރުންގެ ތެރޭގައި ހިމެނެނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު ސާލިޙް އާއި، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު އާއި، ހެންވޭރު އުތުރުދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު އާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް އާއި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާޙް އާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިންގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާޙީމް ދީދީ އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް އާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާޙީމް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތެވެ.

މި ބޭފުޅުންގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކަށް ދައުވާކުރަން ފޮނުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެދެވަޑައިގެންނެވި ކަމަށް ބުނާ މައްސަލާގަ އެވެ.

ނަމަވެސް މިމައްސަލާގައި ތުހުމަތުކުރާ މެންބަރުން ވިދާޅުވީ އެބޭފުޅުން ފުލުހުންގެ ސަފުތައް ފަޅާލާފައި ނުވާނެ ކަމަށާއި އެބޭފުޅުންނަކީ މަޖިލީހުގެ މެންބަރުންނަށް ވާތީ އެބޭފުޅުން މަޖިލީހަށް ވަދެވަޑައިގަތުމަށް ފުލުހުން ފުރުސަތު ދެއްވި ކަމަށެވެ. އަދި އެބޭފުޅުން މަޖިލީހަށް ހާޒިރުވަނިކޮށް ފުލުހުންނަށް އެބޭފުޅުން ހުއްޓުވޭނެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމަށްވެސް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންގެ ސަފު ފަޅާލުމަށްފަހު މަޖިލީހަށް ވަތް މައްސަލާގައި ނުވަ މެމްބަރަކަށް ކުރީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ އެވެ.