ޚަބަރު

ބ އަތޮޅުގައި ބޭއްވި ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތަކަށް ޕްރޮޕޯސަލާއި ބަޖެޓް ތައްޔާރުކުރުމާގުޅޭ މަސައްކަތު ބައްދަލުވުން ނިންމާލައިފި


ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތަކަށް ޕްރޮޕޯސަލާއި ބަޖެޓު ތައްޔާރުކުރުމާގުޅޭ ގޮތުން ބ.އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި ޖަމްޢިއްޔާތަކަށް ޢަމާޒުކޮށްގެން ކުރިޔަށްގެންދިޔަ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް ބައްދަލުވުން އިންތިޒާމު ކުރި ކޮމިއުނިޓީ ޑިވަލަޕްމަންޓް އިނީސިއޭޓިވް (ކޮޑި) އިން ބުނެފިއެވެ.

ބ އަތޮޅު ކިހާދޫގައި ހުންނަ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް)ގައި ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ކޮޑި ޖަމްއިއްޔާގެ ފަރާތުން މިމަސައްކަތު ބައްދަލުވުމުގެ މުދައްރިސެއްގޮތުގައި ހާރަކާތްތެރިވި ޝަމްޢޫން އާދަމް ވިދާޅުވީ މުޖުތަމަޢެއްގައި އިސްނަގައިގެން މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމަށް ޢަމާޒުކޮށްގެން ބޭއްވި މިބައްދަލުވުމުގައި، ޒުވާނުންނަށް ރަށު ފެންވަރުގައި އިސްނަގައިގެން ކަންކަން ކުރާނެ ގޮތްތައް ދަސްކޮށްދީފައިވާނެކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދޭނެ ރަގަޅުގޮތްތައް މިބައްދަލުވުމުގައި ކިޔައިދިންކަމަށް ޝަމްޢޫން ވިދާޅުވިއެވެ.

ތިންދުވަހުގެ މުއްދަތަކަށް ބޭއްވި މިމަސައްކަތު ބައްދަލުވުމުގައި ބ އަތޮޅުގެ ކައުންސިލުތަކާ ޖަމްޢިއްޔާ ޖަމާޢަތްތަކާ، ސަރުކާރުގެ މުއައްސަސާތަކުން ޖުމުލަ 21 މީހުން ބައިވެރިވިއެވެ. މި މަސައްކަތު ބައްދަލުވުމުގައި ބައިވެރި ފަރާތްތަކުން ބުނީ ބައްދަލުވުމުގެ ތެރެއިން ވަރަށް މުހިންމު ފިލާވާޅުތަކެއް ލިބިގެން ދިޔަކަމަށެވެ. އަދި މީގެކުރިން ޕްރޮޕޯސަލް ހަދާއިރު ބޭނުންނުކުރާ އެތައްކަމެއް ދަސްވިކަމަށެވެ.

މިދިޔަ ބުދަ ދުވަހު ފެށި މި މަސައްކަތު ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގުރާމް (ޔޫއެންޑީޕީ) އާއި ކޮމިއުނިޓީ ޑިވެލަޕްމަންޓް އިނީޝިއޭޓިވް (ކޮޑިކް) ޖަމިއްޔާއާ ބ. ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) އާ ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ.