ރިޕޯޓް

ކާޑެއްދޫއަށް ދަތުރުކުރެވޭ، ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ގދ ތިނަދުއަށް ބޭނުންވޭ


ޒަމާނާ އެއްގޮތަށް ތަރައްގީ ވަމުން އަންނަ މި ކުޑަ ކުޑަ ރާއްޖޭގައި އެންމެ ބޮޑު ކަމަކަށް ވެފައިވަނީ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމެވެ. ރާއްޖެ އުފެދިފައި އޮންނަ ގޮތުން ކަނޑުމަގުގެ ދަތުރުފަތުރަކީ ރާއްޖެ ތެރޭގައި ދަތުރުފަތުރުކުރުމުގެ މައި ނާރެވެ.

އެގޮތުން ދަތުރުފަތުރުކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމްވެފައި ނެތުމުން ގދ. ތިނަދޫއަށްވެސް ވަނީ އެ ދަތުރުފަތުރުކުރުމުގެ ދަތިކަން ކުރިމަތިވެފައެވެ. ދެ ދުވަހުން އެއް ދުވަހު އަތޮޅު ތެރޭ ރަށްތަކުގެ ފެރީތައް ތިނަދޫއަށް އައި ނަމަވެސް އެންމެ ކައިރީގައި އޮތް ކާޑެއްދޫ އެއާޕޯޓަށް ދާނެ، ނުވަތަ އެތަނުން އަންނަ މީހުން ގޮވައިގެން ރަށަށް އަންނާނެ ފެރީއެއް ނޯވެއެވެ.

މީގެ އަހަރުތަކެއް ކުރިން އެމްޓީސީސީން އެ ޚިދުމަތް ދެމުން އައި ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެފަރާތުންވެސް އެ ޚިދުމަތް ދިނުން ހުއްޓިއެވެ. އެއަށްފަހު ތިނަދޫއާއި ކާޑެއްދޫއާ ދެމެދު ފެރީގެ ޚިދުމަތް ދިނީ އަމިއްލަ ފަރާތަކުންނެވެ. ހެޔޮ އަގެއް ނަގައިގެން ދިން އެޚިދުމަތްވެސް މާ ގިނަ ދުވަހަކަށް ދެމިގެނެއް ނުދެއެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ތިނަދޫ ރައްޔިތުން ކާޑެއްދޫއަށް ދާން ފެށީ ކުއްޔަށް ލޯންޗުފަހަރު ހިފައިގެންނެވެ. އޭރު އަގުވެސް ބޮޑެވެ. އެކި ލޯންޗުތަކުން ނަގައި އުޅުނީ އެކި އަގެވެ. ނަމަވެސް މިހާރު އެކަން ހައްލު ކުރެވި ކާޑެއްދުއަށް ކުރާ ލޯންޗު ދަތުރުތަކުގެ އަގު 300 ރުފިޔާގައި ވަނީ ހިފަހައްޓާފައެވެ. މިއަދު 300 ރުފިޔާއަށް ކާޑެއްދޫއަށް ދެވޭއިރު ކުރިން އޮތް ފެރީ ނިޒާމެގެ ތެރެއިން 25 ރުފިޔާ ދީގެން ފްލައިޓު ޗެކިން ނިމުމުގެ ކުރިން އެއާޕޯޓަށް ދެވެއެވެ.

އަގު ބޮޑު ކޮށް ލޯންޗުން ދަތުރުކުރަން ޖެހޭތީ ތިނަދޫ ރައްޔިތުންނަށް އެކަން ވެފައިވަނީ ވަރަށް ބޮޑު ދަތި ކަމަކަށެވެ.

މި މައްސަލައާ ގުޅިގެން ތިނަދޫ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކައުންސިލްގެ ރައީސް އިބްރާހިމް އައްސަދު ވިދާޅުވީ ކާޑެއްދޫއިން މާލެއަށް ދާ ބޭފުޅުންނާއި އެހެނިހެން އެއާޕޯޓުތަކުން މާލެއަށް ދާ ދިވެހި ރައްޔިތުންގެ އަތުން، ފްލައިޓު ޓިކެޓު ނެގުމުގެ އަގުގެ އިތުރުން އެއާޕޯޓަށް ދާ ޚަރަދާއެކު ޖުމްލަ ޚަރަދުގެ މިންވަރު މާލެއިން ބޭރު ގައުމަކަށް ދިއުމަށް ކުރާ ޚަރަދަށްވުރެ 30 ޕަސެންޓު އިތުރުވާ ކަމަށެވެ.

"މިތަނުގެ ރޭޓުތަކަށް ބަލާއިރު އެތެރޭގެ އުދުހުންތަކަށް ފުލްފެއާއަކަށް ވެއްޖެއްޔާ 1551 ރުފިޔާ، ފެރީއަކަށް ބަލާއިރު ދެކޮޅަށް އެބަ އަރާ 800 ރުފިޔާ. އެހެންވިއްޔާ ޖުމްލަ އެބަ އަހަރާ ގާތްގަނޑަކަށް 251 ޑޮލަރު. އެތެރޭގެ އުދުހުމަކަށް ދިވެހި ރައްޔިތަކު ހޭދަ ކުރަން އެބަ ޖެހޭ، މާލޭގަ ތިއްބަވާ ބޭފުޅުން މާލެއިން ބޭރަށް، އިންޓަނޭޝަނަލް އެއާޕޯޓަކަށް ދިއުމުގެ ޚަރަދުގެ އިތުރަށް 30 ޕަސެންޓު ބޮޑުކޮށް އެހެންމަ އެއީ ވަރަށް ބޮޑު ތަކުލީފެއް. ވަރަށް ބޮޑު ވޭނެއް،" އައްސަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްގެ މިދިޔަ ދައުރާއި މިހާރުގެ ދައުރުގައިވެސް ރަށު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތަކުގެ ތެރޭގައި ކައުންސިލުން އެފަދަ ޚިދުމަތެއް ނުދެވޭ ނުދިނުން ހިމެނެއެވެ.

"މިދިޔަ ދައުރުގައިވެސް އަދި މިދައުރުގައިވެސް އަންނަ ވަރަށް ބޮޑު ޝަކުވާއެއް. ކައުންސިލުން ކުރަން ވީ ނޫންތޯއޭ (ފެރީގެ ޚިދުމަތް ދޭންވީ ނޫންތޯއޭ). އެހެން ނަމަވެސް އަޅުގަނޑުމެންގެ މާލީ ގާބިލިއްޔަތުކަން ނެތީމަ އަޅުގަނޑުމެންނަށް ނެތީ އެވަރުގެ ކަމެއް ކުރެވެން،" އައްސަދު ވިދާޅުވިއެވެ.

މީގެ އިތުރުން އައްސަދު ވިދާޅުވީ ތިނަދޫއާއި ކާޑެއްދޫއާ ދެމެދު ދަތުރުކުރާ ލޯންޗުތަކުން މިހާރުވެސް ނަގަމުން އަންނަނީ އެކި އަގު ކަމަށެވެ. އެގޮތުން ދުވަހުގެ އެކި ވަގުތުތަކުގައި އެކި އަގު ނަގާއިރު، މޫސުމާ ގުޅިގެން ކަނޑު ގަދަވުމާއި އެފަދަ ހާލަތްތަކުގައި ނަގާ އަގުވެސް ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެވްރެޖްކޮށް 300 އަށް. ބައެއް ފަހަރު 350 އަށް ނޫނީ 300 ރުފިޔާއަށް. އެއީ ކަނޑު ނަލަކޮށް ސާފުކޮށް އޮންނަ ދުވަސްތަކުގަ. ރޭގަނޑުގެ ދަތުރެއް ވެއްޖެއްޔާ އެބަ އަރާ ހާހަކަށް. އަދި މޫސުން ގޯސްވެއްޖެއްޔާ އެއަށްވުރެ ބޮޑުކޮށްވެސް އެބަ ދޭ،" އައްސަދު ވިދާޅުވިއެވެ.

ތިނަދޫއާއި ކާޑެއްދޫއާ ދެމެދު އޮންނަ ދުރުމިނަކީ ގާތްގަނޑަކަށް މާލެއާ ހުޅުމާލެއާ ދެމެދު އޮންނަހާ ދުރުމިނެވެ. ކަން މިހެން އޮތް އިރު މާލެއާ ހުޅުމާލެ ދެމެދުގައި ލޯންޗު ޓިކެޓެއްގެ އަގު އުޅެނީ 25 ރުފިޔާއަށެވެ. ސަރުކާރުގެ ހިއްސާ އޮންނަ އެމްޓީސީސީއަށް އެންމެ ބޮޑު ފައިދާއެއްވެސް ކުރަނީ އެކުންފުނިން މާލޭ ސަރަހައްދަށް ދޭ ދަތުރުފަތުރުގެ ޚިދުމަތުންނެވެ.

ހަލުވި ސްޕީޑެއްގައި ތަރައްގީވަމުން އަންނަ ރަށެއްގެ ގޮތުގައި ތިނަދޫ ފާހަގަ ކުރެވޭއިރު އެރަށަކީ 13،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ބޮޑު ރަށެކެވެ. ކޮންމެ ދުވަހަކު އެރަށުން ކާޑެއްދޫއަށް މީހުން ދަތުރު ކުރެއެވެ. މާލެ ސަރަހައްދުގައި އެ އޮންނަ ފަދަ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ނެތުމުގެ ސަބަބުން ދަތުރުކުރުމުގެ އަގު ކުޑަ ކުރެވޭނެ ހަމަ އެއް ގޮތެއްވެސް އަދި ނެތެވެ.