ޚަބަރު

އޭދަފުށީ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ތާރު އެރަށަށް ގެންގޮސްފި


ބ.އޭދަފުށީ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ތާރު އެރަށަށް ގެންގޮސްފިއެވެ.

ބ. އޭދަފުށި 17 މަގެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު އެކަމަށް ބޭނުންވާ 886 ފީފާގެ ތާރު އިއްޔެ ވަނީ އެރަށަށް ގެންގޮސްފައެވެ. އެންމެ ފުރަތަމަ މިމަސައްކަތް ހަވާލުކުރީ 15 މަގެއް ތާރު އަޅައިގެން ހެދުމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ އެދުމުގެ މަތިން ސަރުކާރުންވަނީ އޭދަފުށީ އިތުރު ދެމަގެއްގައި ތާރު އަޅާ ގޮތައް ހަމަޖައްސާފައެވެ.

މިހާރު މިމަޝްރޫޢުގެ ދަށުން ގައި ކުރިއަށްދަނީ، އިތުރު ކުރެވުނު ދެމަގުގައި ހިމެނޭ ޕޭވްމަންޓް ލެވަލް ކުރުމާއި ޕޭވްމަންޓުގައި ގާ އެތުރުމުގެ އިތުރުން ހޮޅި ވަޅުލުމުގެ މަސައްކަތާ، ތާރު އެޅުމަށް ތައްޔާރު ކުރުމުގެ ގޮތުން މަގުތަކުގައި ސީ.އެސް.ބީ އެޅުމުގެ މަސައްކަތެވެ. މިމަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

ތާރު އެޅުމަށް ބޭނުންވާ ބައެއް ސާމާނު އޭދަފުށްޓަށް ގެންގޮސްފައިވާއިރު މިމަހުގެ 15 ވަނަ ދުވަހު ތާރު އެޅުމަށް ބޭނުންކުރާ މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރާ މީހުން އެރަށަށް ދާނެކަމަށް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން އުފައްދާފައިވާ ޕަބްލިކް ވޯކްސް ސާރވިސްއިން ބުނެއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 33 މިލިއަން ރުފިޔާ ޚަރަދުކުރައްވާ މަޝްރޫޢެކެވެ.