ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބ އަތޮޅުގައި ފަށައިފި


ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކަށް ޕްރޮޕޯސަލާއި ބަޖެޓް ތައްޔާރުކުރުމާގުޅޭ މަސައްކަތު ބައްދަލުވުމެއް ބ.އަތޮޅުގައި ފަށައިފިއެވެ

ބ. ކިހާދޫގައިހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ގައިކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމަކީ ބ.އަތޮޅުގެ ރައްރަށުގެ ކައުންސިލްތަކާއި ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

ޔޫއެންޑީޕީއާއި ކޮމިއުނިޓީ ޑިވަލަޕްމަންޓް އިނީޝިއޭޓިވް (ކޮޑިކް) ޖަމްޢިއްޔާ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި، ކައުންސިލްތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާ ދެމެދު އޮންނަ ގުޅުންބަދަހިކުރުމާއި، ކައުންސިލް ތަކުން ކުރާ މަސައްކަތްތަކަށް ޕްރޮޕޯސަލް ހަދާނެ ގޮތާއި، ބަޖެޓް ތައްޔާރުކޮށް އެކަންކަމަށް ފަންޑް ހޯދާނެ ގޮތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް، މި މަސައްކަތު ބައްދަލުވުން ކުރިއަށްގެންދާ ކޮޑިކް ޖަމްޢިއްޔާއިން ބުނެއެވެ.

މިމަހުގެ 10 ން 14 އަށް ކުރިއްދާ މި މަސައްކަތު ބައްދަލުވުމުގައި، މަޢުލޫމާތު ދެނީ ކަމާގުޅުންހުރި ތަޖުރިބާ ކާރުން ކަމަށްވެސް ކޮޑިކް ޖަމްޢިއްޔާއިން ބުނެއެވެ.

ބ.އަތޮޅުގެ ކައުންސިލްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި 21 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.