ޚަބަރު

ތުހުމަތުތަކެއް ކުރެވޭއިރު، މަޝްރޫޢުތައް ހުއްޓާނުލުމަކީ ކަންބޮޑުވާކަމެއް- އިންތިޚާބީ ރައީސް


ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮއްދިނުމަށް ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭކަމުގެ ތުހުމަތުތަކެއް ކުރެވެމުންދާތީ އެ މަޝްރޫޢުތައް ހުއްޓާލުމަށް އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ވެރިކަމުުގެ ބާރުތައް ބަދަލުކުރުމުގެ މަރުޙަލާގައި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮއްދިނުމަށް މިހާރުގެ ސަރުކާރުން ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންދާއިރު އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭކަމުގެ ތުހުމަތުތަކެއް ކުރެވުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ.

މީގެއިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ސަރުކާރުން ކޮށްފައިވާ އިޢުލާނުގައި، ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތައް ބެލޭނެ ދެފުށް ފެންނަ އުސޫލެއް އާންމުކޮށްފައިނެތްކަމަށާއި، ބިން ވިއްކުމަށް އިއުލާންކޮށްފައިވަނީ އެކަމަށް އެކަށީގެންވާ މުއްދަތެއް ނުދީކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި މި ކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމަކީވެސް ކަންބޮޑުވާ ކަމެއް ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުގެ ދަށުން 10 ކެޓެގަރީއަކުން ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފައިވާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 24 ވަނަ ދުވަހާ ހަމަައަށް ސަރުކާރުން ވަނީ ހުޅުވާލާފައެެވެ.

ހައުސިން މިނިސްޓްރީން ބުނީ ފުލެޓް ލިބޭ ފަރާތްތަކުގެ ދާޢިމީ ލިސްޓް އިޢުލާންކުރާނީ ހުށަހެޅޭ ޝަކުވާތަކާ ގުޅިގެންނާއި ސާފުކުރެވޭ އިތުރު މަޢުލޫމާތާ ގުޅިގެން ނުވަތަ ދެމަފިރިން ފުލެޓަށް އެދި ހުށަހަޅާފައިވާނަމަ އެމަޢުލޫމާތުތައް ބަލައި، ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައިކަމަށެވެ.

އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭގެ ރައްޔިތުންނަށް ދޫކުރާ 400 ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން، ގޯއްޗަށް އެދި ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރު ކުރާނެކަން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީންވެސް ވަނީ ހާމަކޮށްފައެވެ.