ޚަބަރު

އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ރައީސް އޮފީހުން - ޓްރާންސިޝަން ކޮމެޓީ


ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދެމުން ގެންދާ އިދާރާއަކީ ރައީސުލްޖުމްޙޫރިއްޔާގެ އޮފީސް ކަމަށް އިންތިޚާބީ ރައީސް އުފައްދަވާފައިވާ ޓްރާންސިޝަން ކޮމެޓީން މިއަދު ބުނެފިއެވެ.

މިއަދު ހަވީރު ސްޓެލްކޯގައި ޓްރާންސިޝަން ކޮމެޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ކޮމެޓީގެ ޗެއާރމަން އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަމުގައި ސަރުކާރުގެ 67 އިދާރާއަކަށް ބައްދަލުކޮށްފައިވާ ކަމަށެވެ. ޝާހިދު ވިދާޅުވީ މިހާތަނަށް ބައްދަލުކުރި އިދާރާތަކުން ޓްރާންސިޝަން ކޮމެޓީއަށް ފުރިހަމައަށް އެއްބާރުލެމުން ގެންދާ ކަމަށެވެ.

"ޖުމްލަ ގޮތެއްގައި ސަރުކާރުގެ ހުރިހާ ވުޒާރާތަކަކުންވެސް ވަޒީރުން ފެންވަރުން ފެށިގެން އެއްބާރުލުން ލިބެމުން ދޭ. މިހެން ދެންނެވި ނަމަވެސް ބައެއް ވުޒާރާތަކުން އަޅުގަނޑުމެންނަށް އެއްބާރުލުން ލިބެމުން ނުދާކަން ދަންނަނަވަން،" ޝާހިދު ވިދާޅުވިއެވެ.

މިހާތަނަށް 13 ކޮމެޓީއެއް އެކުލަވާލާފައިވާއިރު ކޮމެޓީތަކުގައި ތިއްބަވާނީ ކޯލިޝަންގެ ޕާޓީތަކުގެ އެކި ބޭފުޅުންނެވެ. ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި 418 ބޭފުޅުން ޙަރަކާތްތެރިވަމުން އަންނައިރު މި ހުރިހާ ބޭފުޅުންނަކީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވާ ފަރާތްތަކެވެ.

"ޤާނޫނުގައި ބުނާ ގޮތުގައި ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ މަސައްކަތަށް ސިވިލް ސަރވިސްގެ ތެރެއިން މި އޮފީހުގެ މަސައްކަތަށް ގެންނަން ބޭނުންވާ މުވައްޒަފުން އަޅުގަނޑުމެން ގެނެސްގެން އެ މުވައްޒަފުން ލައްވާ އެ މަސައްކަތް ކުރުވާ، ޚާއްސަ ގޮތެއްގައި މި އޮފީހުގެ މަސައްކަތަށް ކަނޑައެޅިފައިވާ ބަޖެޓު އެއީ އެއް މިލިއަން ރުފިޔާ ޤާނޫނުގައި ބުނާ އެއް މިލިއަން ރުފިޔާގެ ކަންކަން ބެލެހެއްޓުމަށް ސިވިލް ސަރވިސްގެ ބަޖެޓާއި ބެހޭ ދެ މުވައްޒަފަކު ޤާނޫނުގެ ދަށުން ބައިވެރިކޮށްފައި ވާނެ،" ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަޙްމަދު ލަތީފް ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ކުރިއަށްދާއިރު ބައެއް ކަހަލަ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. ނަމަވެސް އެކަންކަން ޙައްލު ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.