ޚަބަރު

ތިނަދޫގައި ކުނި މެނޭޖްނުކުރެވި، ތިމާވެއްޓަށް ގެއްލުންވަނީ


އާބާދީގައި 13،000 އެއްހާ މީހުން ދިރިއުޅޭ ގދ. ތިނަދުއަކީ އެ އަތޮޅުގެ ވެރިކަން ކުރާ އެ އަތޮޅުގައި ހިމެނޭ އެންމެ ބޮޑު އެއް ރަށެވެ. އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭ އެއް މައްސަލަ އަކީ ކުނި މެނޭޖްކުރުމަށް އެޅިފައިވާ ހުރަސްތަކާއި އެކަމަށް ކުރިމަތިވާ ގޮންޖެހުންތަކެވެ.

ދުވާލެއްގެ މައްޗަށް ހަތެއް ނުވަތަ އަށް ޓަނުގެ ކުނި އެރަށުގައި އުފެދޭ އިރު އެކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް އެރަށުގައި އަދި ޤާއިމުކުރެވިފައި ނެތެވެ. ސަބަބަކަށް ވެފައިވަނީ އެކަން ކުރަން ހުރި ގޮންޖެހުންތައް ގިނަވުމެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެރަށު ކައުންސިލްގެ ރައީސް، އިބްރާހިމް އައްސަދު ވިދާޅުވީ ތިނަދޫގައި ކުނި ނެގުމުގެ މަސައްކަތް ދެ ފަރާތަކުން މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އެ ކައުންސިލާއި އަމިއްލަ ފަރާތަކުންވެސް އެމަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށުގައި ކުނި މެނޭޖުކުރުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއްވެސް ޤާއިމްކޮށްފައި އެބަހުއްޓެވެ. އެތަނުގައި އަށް މުވައްޒަފުން ތިބޭއިރު ފަސް މީހުންނަކީ ބިދޭސީންނެވެ. ތަން ބަލަހައްޓައި މެނޭޖް ކުރަނީ ދިވެހި ސުޕަވައިޒަރެކެވެ. އަދި ފީ ބަލައިގަތުމާއި އެފަދަ ކަންކަން ކުރަނީވެސް ދިވެހި މުވައްޒަފުންނެވެ.

އެރަށުގެ ކުނި ކޮށި ހުންނަ ޞަރަޙައްދަކީވެސް ކުނި އެޅުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާފަދަ ޞަރަޙައްދެއްކެވެ. ކުނިކޮށްޓާ ޖެހިގެން އޮންނަނީ މޫދެވެ. ބަދިގެއިން އުފެދޭ ކުނި ނައްތާލުމަށްޓަކައި އެފަދަ ކުނި އަޅަނީ މޫދަށް ކަމަށްވުމުން ގިނަ ފަހަރު ކުނި ހިފައިގެން އަންނަ އިރު ބަދިގެ ކުނީގެ ތެރޭގައި ޕްލާސްޓިކް ކޮތަޅާއި އެހެނިހެން ޒާތުގެ ކުނި ހިމެނޭ ކަމަށާއި އެފަދަ ކަންކަން ހުއްޓުވުމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށް އައްސަދު ވިދާޅުވިއެވެ.

"ޚާއްސަ ގޮތެއްގައި ޕްލާސްޓިކް މޫދަށް އެޅިފައި އެބަހުރި. ދެން ވަރަށް ގިނަ ފަހަރު މަތިވެސް ނަސޭހަތްދީ އެކަން ހައްލު ނުވެގެން މިއުޅެނީ. އަޅުގަނޑު އެދޭ އެދުމަކީ ރައްޔިތުންވެސް މިދޭ އެއްބާރުލުމާ އެއްގޮތަށް އަދި އަމިއްލަ ފަރާތްތަކުން ކުނި އުކާލި ކަމުގައިވިޔަސް އެފަރާތްތަކުންވެސް އަޅުގަނޑުމެން މި ހަދާފަވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ވީހާވެސް ބޮޑަށް ޕްލާސްޓިކާ އެހެން ބާވަތްތަކާ މިކްސް ނުވާ ގޮތަށް އޭތި ބައިބައިވެގެން ވަކި ކުރެވޭ ގޮތަށް ކުނި ގެނައުން،" އައްސަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުނި މެނޭޖްކުރުމަށް ދަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގޭބިސީތަކުން ކުނި އުކާލަން ނެރޭއިރު އެކި ބާވަތުގެ ކުނި އެއްކޮށްފައި ހުރުމެވެ. އެހެން ހުރުމުގެ ސަބަބުން ކުނި ނައްތާލަން ދަތިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބަދިގެއިން އުފެދޭ ކުނީގެ ތެރެއަށް އެހެން ޒާތުގެ ކުންޏާއެއްކޮށް ޑަސްބިނަށް އެޅުމުގެ ބަދަލުގައި އެތަކެތި ވަކި ވަކިން ނެގޭނެ ކަހަލަ ގޮތަކަށް ބެހެއްޓުމަށް އޭނާ ވާނީ އިލްތިމާސްކޮށްފައެވެ.

"އަދިވެސް އެބަ އާދޭ ކުނި މިކްސް ވެގެން. މިސާލަކަށް ބަދިގެ ޑަސްބިނަށް ޓޮމާޓޯ ދަޅެއް ބޭނުންކޮށްފަ އެ ސާފު ނުކޮށް ނެޕީއަކާއި މަސް ދަޅަކާއި ނާއްޓެއް އަޅާފާނެ. މިއީ ހަމަ ބަދިގޭގަ ހިނގާ ހާދިސާތައް. އޭގެ ބަދަލުގަ ޓޮމާޓޯ ދަޅުވެސް ފެން އަޅާ ސާފުކޮށްފަ ބެހެއްޓީމަ ގޭތެރޭގަ އޭގެ އުނދަގުލެއް ނުވާނެޔޭ. އަޅުގަނޑުމެން އޭތި ނެގުނު ދުވަހުން ނަގާ ގޮސް ނައްތާލާނަމޭ. ހުރިހާ ކުންޏެއް އެކައްޗަކަށް ލީމާ އަޅުގަނޑުމެންގެ ހަ މުވައްޒަފުންނަށް ކިހިނެއްތޯ ދުވާލެއްގެ މައްޗަށް އަށް ޓަނުގެ ކުންޏަށް އަތް ބާނައި ސާފު ކުރާނީ. އެހެންވީމަ ގޭބިސީތަކުން އެބަޖެހޭ ފުރަތަމަ ކުނި މެނޭޖް ކުރަން. އެއީ ވަރަށް ބޮޑު ގޮންޖެހުމެއް،" އައްސަދު ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލުން ކުނި އުކުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އަމިއްލަ ފަރާތަކުންވެސް އެމަސައްކަތް ކުރަމުން އާދެއެވެ. އެފަރާތުން ކުނި ނެގުމާއި ކުނިކޮށްޓަށް ކުނި އެޅުމުގައި ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ގެއްލުން ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި މިހާރު އިންސިނެރޭޓަރެއްވެސް ބޭނުން ކުރަމުން އެބަ ދެއެވެ. ނަމަވެސް އޭގެ ޚަރަދު ބޮޑު ވުމާ ގުޅިގެން އެ ބޭނުންކޮށްގެން އަންދަމުންދަނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުން އުފެދޭ މެޑިކަލް ކުންޏެވެ.

އައްސަދު ވިދާޅުވި ގޮތުގައި އެރަށުގެ ކުނީގެ މައްސަލަ ޙައްލުކުރެވޭނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ތަރައްޤީ ކުރެވިގެންނެވެ. އެމަސައްކަތްވެސް ވަނީ މީގެ ކުރިން ބަޔަކާ ޙަވާލުކޮށްފައެވެ. ނަމަވެސް މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވުމުގެ ސަބަބުން އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ މަސައްކަތް ހުއްޓުވާފައެވެ.

" މީގެ ތިން މަހެއްހާ ދުވަސްކުރިން ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ވަރަށް ހަލުވިކޮށް ދިޔަ. އެހެން ނަމަވެސް މަސައްކަތާ ހަވާލުވި ފަރާތުން އެކަށީގެންވާ ގޮތަށް މަސައްކަތްނުކުރާތީހެން އަޅުގަނޑަށް ހީވަނީ. މަސައްކަތް މިހާރުވަނީ ހުއްޓުވާފަ. އަޅުގަނޑު އެދެނީ މިނިސްޓްރީގެ ސަމާލުކަމަށްވެސް މިކަން ގެނެސްގެން އަވަށް އެ މަސައްކަތް ފެއްޓިގެން ދިއުން،" އައްސަދު ވިދާޅުވިއެވެ.

ތިނަދުއަކީ ރާއްޖޭގައި މިހާރު ތަރައްޤީވަމުންދާ އެންމެ ބޮޑެތި ރަށްރަށުގެ ފަންތީގައި ހިމެނޭ އާބާދީ ބޮޑު ރަށެކެވެ. އެރަށުގައ ދުވާލެއްގެ މައްޗަށް އަށް ޓަނުގެ ކުނި އުފެދޭ އިރު އެ ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަނީ ކައުންސިލުގެ އެއް ޕިކަޕާއި، އަމިއްލަ ފަރާތަކުން ގެންގުޅޭ ޕިކަޕަކުންނެވެ. ޖުމްލަ ދެ ޕިކަޕު ބޭނުންކޮށްގެން ކުނި ނަގަމުން އަންނަ އިރު ކައުންސިލުން ބޭނުން ކުރާ ޕިކަޕަކީ ކުއްޔަށް ނަގައިގެން ބޭނުންކުރާ ޕިކަޕެކެވެ.