ޚަބަރު

ނަފްސާނީ ބަލިމީހުންނަށް ޚާއްސަ ޔުނިޓްތަކެއް އަތޮޅުތަކުގައި ހަދަނީ


ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަސް، ނަފްސާނީ ދުޅަހެޔޮކަމުގެ ބައިނަލް އަޤުވާމީ ދުވަހުގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރަމުންދާއިރު، ފަހަކަށްއައިސް ރާއްޖޭގައި ދަނީ މިދުވަސް ފާހަގަކުރަމުންނެވެ. ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި މައްސަލަތަކީ ރާއްޖޭގައި އިތުރުވެފައިވާ މައްސަލަތަކެކެވެ. މިކަން ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނަފްސާނީ މައްސަލަތަކަކީ ބޭރުފުށުން ފެންނަން ނުހުންނަ، ނަމަވެސް އެކި އެކި ކަންކަމާއިހުރެ ސިކުނޑިއަށް ތަޙައްމަލްކުރަންޖެހޭ އެކި ބާވަތްތަކުގެ މައްސަލަތަކާއި ބަލިތަކެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރު ޢަމާޒުކޮށްފައިވަނީ ބަދަލުވަމުންދާ ދުނިޔޭގައި ދިރުއުޅުމުގައި ދިމާވާ ކަންކަމުން ފުރާވަރު ޢުމުރުގެ ކުދިންނަށް ދިމާވާ މައްސަލަތަކަށެވެ.

ނަފްސާނީ ދުޅަހެހޮކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި އަންނަނީ އެކި ފެންވަރުގައި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ނޭޝަނަލް މެންޓަލް ހެލްތް ޕޮލިސީގެ ނަމުގައި 2017ވަނަ އަހަރުވަނީ ޕޮލިސީއެއް ތަޢާރަފްކޮށްފައެވެ. މި ޕޮލިސީގެ ދަށުން މެންޓަލް ހެލްތް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައި "ނަފްސާނީ ސިއްޙަތުގެ ޤައުމީ ސިޔާސަތެއް" އެކުލަވާޅުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްކްޝަން އެޖެންސީން ދަނީ ކުރަމުންނެވެ. މިފަދަ ބަލިތަކުގެ ފަރުވާ މުޅިރާއްޖެއިން ލިބޭނެގޮތް ފަހިކޮށްދިނުމަށް އަތޮޅުތަކުގައިވެސް ނަފްސާނީ ބަލިމީހުންނަށް ޚާއްސަ ޔުނިޓްތަކެއް ޤާއިމުކުރުމަށް ވަނީ ރާވާފައެވެ. އަދި އަތޮޅުތަކުގެ ބޭސް ފިހާރަތަކުން، ނަފްސާނީ ބަލީގެ ބޭސް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ހެލްތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

އަދި މަދަރުސާތަކާއި، އެކިއެކި މުއައްސަސާތަކުގައި ނަފްސާނީ ބައްޔަށް ހޭލުންތެރިކޮށް، އެފަދަ ކަންކަން ދެނެގަނެ އެހީ ހޯދާނެ ގޮތްތަކާ ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ފްރޮގްރާމްތައްވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދަނީ ހިންގަމުންނެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު ނަފްސާނީ ބަލި ތަޙައްމަލުކުރާ މީހުންގެ ތެރެއިން 50އިންސައްތަ މީހުން އެބަލިތަކަށް ހުށަހެޅެނީ ޢުމުރުން 14އަހަރުގައެވެ. ފުރާވަރު ކުދިންގެ މެދުގައި އެންމެ ގިނައިން ފެންނަ ނަފްސާނީ ބައްޔަކީ ޑިޕްރެޝަންއެވެ. އަދި ދެވަނައަށް އެންމެ ގިނައީ ނަފްސާނީ ބަލިތަކާއި ގުޅިގެން ދިމާވާ ކަންކަން ތަޙައްމަލު ނުކުރެވި އަމިއްލައަށް މަރުވުމެވެ.

މީގެއިތުރުންވެސް ނަފްސާނީ ބައލިތައް ވެފައިވަނީ ކުދިން މަސްތުވާތަކެތި ބޭނުންކުރުމާއި، ނޭދެވޭ ޢަމަލުތައް ކުރުމަށް މަގުފަހިވާ ކަމަކަށެވެ. މިފަދަ ކަންކަން އެންމެ ބޮޑަށް ދިމާވަނީ ޢުމުރުން 15އަހަރާއި 29އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. ނަފްސާނީ ބަލިތަކަށް އަޅާލުމާއި، އެފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުން ނިސްބަތުން ވަރަށްބޮޑަށް މަދުކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެއެވެ.
ޒުވާނުންނަށް ޢަމާޒުކޮށްގެން މިއަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ބައިނަލް އަޤުވާމީމިދުވަސް ފާހަގަކުރުމަށް ނިންމީ، އެފަދަ ބަލިމީހުންނަށް އެހީވެ، ދުޅަހެޔޮ ޢާއިލާތަކެއް ބިނާކުރުމުގެ މަޤުސަދުގައެވެ.