ޚަބަރު

މަޖިލީހުގެ މެޖޯރިޓީ ކަނޑައެޅުން އެމްޑީއޭއަށް


ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެގޮތުގައި މިހާތަނަށް އޮތް ވެރިކަންކުރާ ޕީޕީއެމްގެ މެންބަރުންނާއި، އިދިކޮޅު ފަރާތްތަކުގެ ގޮތުގައި މަސައްކަތްކުރާ މެންބަރުގެ ޢަދަދު އެއްވަރުވެ މަޖިލީހުގެ މެޖޯރިޓީ ކަނޑައެޅުމުގެ ބާރު އެމްޑީއޭއަށް ލިބިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު ނުހިމަނައި މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރާ މެންބަރުންގެ ޢަދަދަކީ މިހާރު 34އެވެ. އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީ އަދި ޢަދާލަތު ޕާޓިގެ އިތުރުން ޕީޕީއެމުން ދާދި ފަހުން ވަކިވި މެންބަރުންގެ ތެރެއިން ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭކަމަށް ކަނޑައެޅި ހަތަރު މެންބަރުންނާއެކު އިދިކޮޅު ކޯލިޝަންގެ މެންބަރުންގެ ޢަދަދުވެސް ވަނީ 34 އަށްއަރާފައެވެ.

ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންގެންދެވި، މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާއިރު، އެދެބޭފުޅުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންނެވޭނެކަން ނުވަތަ ނޫންކަން އަދި ޔަޤީންވެފައެއްނުވެއެވ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި އެމްޑީއޭ ތަމްސީލްކުރައްވާ ފަސް މެންބަރުން ތިއްބަވާއިރު މަޖިލީހުގެ މެޖޯރިޓީ ލިބޭނީ އެމްޑީއޭގެ މެންބަރުން ނިންމާ ނިންމުގެ މައްޗަށެވެ. މިހާތަނަށް އެމްޑީއޭ މަސައްކަތްކަތްކޮށްފައިވަނީ ޕީޕީއެމްއާއިއެކު ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައެވެ. އެގޮތުން މަޖިލީހުގެ މަސައްކަތްތަކުގައި ޕީޕީއެމް އެމްޑީއޭ ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕްގެ ނިންމުންތައް ނިންމާފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިޚަބުން ފެށިގެން އެމްޑީއޭ މަސައްކަތްކުރަނީ ކޮން ބަޔަކާއެކުކަމެއް އެޕާޓިން އަދި ހާމަކޮށްފައެއްނުވެއެވެ. އެޕާޓީން ޕީޕީއެމްއާކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމުގެ މުއްސަތު މިހާރުވަނީ ހަމަވެފައެވެ.