ޚަބަރު

މިއަދަކީ ދުނިޔޭގެ ޕޯސްޓް ދުވަސް، ރާއްޖޭގައި ޕޯސްޓް އޮފީހެއް ހުޅުވިތާ 112 އަހަރު


މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޕޯސްޓް ދުވަހެވެ. ދުނިޔޭގައި ޕޯސްޓް ދުވަހެއް ފާހަގަކުރަންފަށާފައިވަނީ ޔުނިވަރސަލް ޕޯސްޓް ޔޫނިއަނުން ޓޯކިޔޯގައި ބޭއްވި ކޮންފަރެންސަކުން 1969 ވަނަ އަހަރުއެވެ. އެއަށްފަހު ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޕޯސްޓް ދުވަހުގެ ގޮތުގައެވެ.

ދިވެހިރާއްޖޭގައި ޕޯސްޓް އޮފީހެއް ހުޅުވުނީ 9 ސެޕްޓެމްބަރު 1906 ވަނަ އަހަރުގައެވެ. މި ޚިދުމަތް ފެށުނީ، ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޓީބިޓީ ބަދަލުކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ މުހިންމު ކަމެއްކަމަށް ދިވެހި ސަރުކާރަށް ފެނިގެންނެވެ. ދިވެހިރާއްޖޭގައި ރަސްމީގޮތުން ޕޯސްޓް އޮފީހެއް ހުޅުވުމުގެ ކުރިންވެސް، މުވާސަލާތުގެ ވަސީލަތެއްގެ ގޮތުގައި ޕޯސްޓްގެ ޙިދުމަތް ބޭނުންކުރަމުން އައިސްފައިވެއެވެ.

ރާއްޖޭގައި ޕޯސްޓް ގެ ޚިދުމަތް ދިނުމަށް އެންމެ ފުރަތަމަ ބޭނުންކުރީ ސިލޯނުގެ " ފަނަރަ ސެންޓް ސްޓޭމްޕް"ގެ މަތީގައި އިގިރޭސި އަކުރުން "މޯލްޑިވް" ޖަހައިގެންނެވެ. ރާއްޖެއިން ނެރުނު ފުރަތަމަ ސްޓޭމްޕް ނެރެފައިވަނީ 1909 ވަނަ އަހަރުގައެވެ. މި ސްޓޭމްޕް ނެރެފައިވަނީ މުންނާރުގެ ފޮޓޯއެއް ޖަހައިގެންނެވެ.

1906 ވަނަ އަހަރު ޕޯސްޓުގެ ޚިދުމަތް ފެށުނުފަހުން ރާއްޖޭގެ މުވާޞަލާތުގެ އަސާސީ ވަސީލަތެއްގެ ގޮތުގައި އެ ޚިދުމަތުގެ ބޭނުން ސަރުކާރާއި އަމިއްލަ ފަރުދުން ހިފަމުން އައިސްފައިވެއެވެ. އަދި ރާއްޖޭގެ އެކި ރަށްރަށާއި، ރާއްޖެއިން ބޭރުގެ ޤައުމުތަކާ ދެމެދު ހިގި މުވާޞަލާތުގެ ބޮޑުބައެއް ހިގާފައިވަނީ ޕޯސްޓްގެ ޒަރިއްޔާއިންކަން ފާހަގަކޮށްލެވެއެވެ. ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބައިނަލްއަޤްވާމީ ޕޯސްޓްގެ ޖަމްޢިއްޔާ ކަމަށްވާ ޔުނިވަރސަލް ޕޯސްޓަލް ޔުނިއަން (ޔޫ.ޕީ.ޔޫ)ގެ މެމްބަރަކަށް ދިވެހިރާއްޖެވަނީ ވެފައެވެ.

ރާއްޖޭގެ ޕޯސްޓްގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ޕޯސްޓްގެ ޚިދުމަތް ވިޔަފާރި އުޞޫލުންދޭގޮތަށް ހަމަޖައްސައި، ޕޯސްޓްގެ ޚިދުމަތް ދެމުންއައި ޕޯސްޓަލް ޑިޕާރޓްމަންޓް ސަރުކާރުގެ ވިޔަފާރި ކުންފުންޏަކަށް ބަދަލުކޮށްފައިވަނީ 1994 ވަނަ އަހަރުގައެވެ. މިއާއެކު ޕޯސްޓްގެ ޚިދުމަތް ޒަމާނަށް ފެތޭގޮތަށް ވިޔަފާރި އުޞޫލުން ދެވޭ ޚިދުމަތްތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން ސަރުކާރުގެ އިދާރީ އޮނިގަނޑުގެ ތެރެއިން އަތޮޅުތަކަށް ދެމުން އައި ޕޯސްޓްގެ ޚިދުމަތްތައް ރަށްރަށުގައި ޤާއިމްކުރެވުނު އެޖެންސީ ޕޯސްޓް އޮފީސްތައް މެދުވެރިކޮށް ދޭން ފެށުނެވެ.

ޕޯސްޓްގެ ޚިދުމަތް ފުޅާކުރުމަށް ކުރެވުނު މަސައްކަތުން އިންޓަރނޭޝަނަލް އެކްސްޕްރެސް މެއިލްގެ ޚިދުމަތާއި ފާސްޓް ޕޯސްޓް ފަދަ މެއިލްގެ އަވަސް ޚިދުމަތްތަކާއި ޕޯސްޓުން ފައިސާ ފޮނުވުމުގެ ޚިދުމަތްވެސް ތަޢާރަފް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން މިޒަމާނުގެގޮތަށް ޕޯސްޓްގެ ޚިދުމަތް ދިނުމަށް އެކި އައުޓްލެޓްތައް ހަދާފައިވާއިރު ޕޯސްޓާ ސީދާ ގޮތުންނާ ނުސީދާ ގޮތުން ގުޅުންހުރި ތަފާތު ޚިދްމަތްތައްވެސް ވަނީ ތަޢާރަފްކޮށްފައެވެ.

ޕޯސްޓްގެ ޚިދުމަތާއެކު، އީ-ޓުކުރީގެ ނަމުގައި މޯލްޑިވްސް ޕޯސްޓާއި ސިންގަޕޯރ ޕޯސްޓް ގުޅިގެން ތައާރަފް ކުރެވުނު އީ-ކޮމާސް ޕޯޓަލްއަކީވެސް ފާހަގަކޮށްލެވޭ ޚިދުމަތެކެވެ. 2015 ވަނަ އަހަރު ޤާއިމްކުރި މި ޕޯޓަލް މެދުވެރިކޮށް އެކި ޤައުމުތަކުގައި ޤާއިމްކޮށްފައިވާ 250،000ހަށްވުރެ ގިނަ އޮންލައިން ވިޔަފާރިކުރާ ފިހާރަތަކުން ވިޔަފާރިކުރުމުގެ ފުރުޞަތު ފަހިވެގެންދިއުމަކީ ރާއްޖޭގެ ޕޯސްޓްގެ ޚިދުމަތުގެ ތެރެއިން އާންމުންނަށް ލިބިގެންދިޔަ ބޮޑު ފަސޭހައެއްކަން ފާހަގަކޮށްލެވެއެވެ.

މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ލޯކަލް އީކޮމާރސް ޕްލެޓްފޯމެއް ނުވަތަ ރާއްޖޭގައި އުފައްދާތަކެތި ބައިނަލްއަޤްވާމީ ޕޯސްޓުގެ ވިއުގައިގެ ތެރެއިން ލިބޭނެ ޕްލެޓްފޯމެއް ތަޢާރަފް ކުރުމުގެ މަސައްކަތްވެސް މޯލްޑިވްސް ޕޯސްޓުން ދަނީ ކުރަމުންނެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް އެކި ރަށްރަށަށްވެސް ތަކެތި ފޮނުވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށްވެސް މޯލްޑިވްސް ޕޯސްޓުން ބުނެއެވެ.

ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު ގިނަވަމުންދާއިރު، ޑިމާންޑާ އެއްވަރަށް އަވަސް ޚިދުމަތެއް ދިނުމަށްޓަކައި، ކައުންޓަރ ޑެލިވަރީ ނިޒާމެއް ގާއިމްކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މެއިލް ރައްދުކުރުމަށްޓަކައި އެސް.އެމް.އެސް ނޮޓިފިކޭޝަން ނިޒާމެއް ގާއިމްކުރެވި، އޮންލައިން ކިއު މެނޭޖްމަންޓް ސިސްޓަމެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި ޑެލިވަރީ ނިޒާމް ޒަމާނީކޮށް 24 ގަޑިއިރު ޚިދުމަތް ދެވޭފަދަ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން ޕިކްޕޯސްޓްގެ ނަމުގައި ޑެލިވަރީ ސްޓޭޝަންތަކެއް މާލެއާ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައިވެސް ވަނީ ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައެވެ.

މީގެ އިތުރުން، އީ ކޮމާސް މެދުވެރިކޮށް ލިބެމުންއަންނަ މެއިލްތައް ހަލުވިކަމާއެކު ކަސްޓަމަރުންނަށް ރައްދުކުރުމަށްޓަކައި އެކަމަށް ޚާއްޞަ ސޮފްޓްވެއަރއެއްވެސް މޯލްޑިވްސް ޕޯސްޓުން ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި ޕޯސްޓް މެދުވެރިކޮށް އަންނަ ތަކެތި ފަސޭހަކަމާއެކު ކްލިއަރ ކުރުމަށް ކަސްޓަމްސް ޑިކްލަރޭޝަން ފޯމް ފުރުމުގެ ޙިދުމަތް ވެސްވަނީ ފެށިފައެވެ.

ރާއްޖޭއަށް ޕޯސްޓްގެ ޙިދުމަތް ތަޢާރަފްވީތާ 112 އަހަރު ވެފައިވާއިރު މިއަދު މިދާއިރާއިން ރާއްޖެވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ.