ޚަބަރު

ތިމާވެށީގެ ގޮތުން ޚާއްޞަސިފަތަކެއް ލިބިފައިވާ 3 ސަރަޙައްދެއް ޙިމާޔަތްކޮށްފި


ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ސަރަޙައްދުތައް ޙިމާޔަތްކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރާ މަސައްކަތުގެ ދަށުން އައު 3 ސަރަޙައްދެއް ހިމާޔަތްކޮށްފިއެވެ. އަލަށް ޙިމާޔަތްކޮށްފައިވަނީ ރަސްދޫ މަޑިވަރު ސަރަހައްދާއި ށ.ފަރުކޮޅާއި ގދ.ދިގުލާބަދޫއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އެންވަރަމެންޓް އެންޑް އެނަރޖީން އަންނަނީ ދިރޭތަކެތީގެ ނަސްލާއި ޤުދުރަތީ ވަޞީލަތްތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން އެމިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކުން ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ސަރަހައްދުތަކެއްވަނީ ފާހަގަކޮށްފައެވެ.

އެންވަރަމެންޓް މިނިސްޓްރީން އެންމެ ފަހުން ޙިމާޔަތްކުރަން ނިންމި 3 ސަރަހައްދާއެކު ރާއްޖޭގައި ޖުމްލަ 47 ސަރަޙައްދެއް ވަނީ ޙިމާޔަތްކޮށްފައެވެ. އެންވަރަންމަންޓް މިނިސްޓްރީން އެންމެފަހުން ޙިމާޔަތްކޮށްފައިވަނީ ރަސްދޫ މަޑިވަރު ސަރަހައްދާއި، ށ. ފަރުކޮޅުގެ އިތުރުން ގދ. ދިގުލާބަދޫއެވެ.

އަރިއަތޮޅު އުތުރުބުރިއަކީ ޤުދުރަތީގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ޚާއްސަ ބާވަތްތަކުން މުއްސަނދި، އަދި ދިރޭތަކެތީގެ ނަސްލާއި އިންސާނުންގެ ހަރާކަތްތަކާއި ގުޅިފައިވާ އަތޮޅެވެ. މިގޮތުން އެއަތޮޅު ރަސްދޫގެ އިރުދެކުނުން އޮންނަ ކަނޑުއޮޅިއާއި ކަނޑުއޮޅި ކައިރީގައިވާ ފަރުގެ ސަރަހައްދަކީ، ނުވަތަ ރަސްދޫ މަޑިވަރަކީ ތިމާވެށީގެ ގޮތުން ވަރަށް ޚާއްޞަ ސަރަހައްދެކެވެ. އެކި ނަސްލުތަކުގެ ދިރުންތައް ގިނަ ޢަދަދަކަށް އުޅޭ މިސަރަހައްދަކީ ބައިނަލްއަޤްވާމީގޮތުން ގުނާލެވޭ މަޝްހޫރު ޑައިވް ސައިޓެކެވެ.

މިސަރަހައްދުގެ އެންމެ ޚާއްޞަ ސިފައަކީ ކާލިގަނޑު މިޔަރެވެ. ރާއްޖޭގައި މިހާތަނަށް ހޯދިފައިވާ ޑައިވް ސްޕޮޓްތަކުން އެންމެ ގިނަ ޢަދަދަކަށް ކާލިގަނޑު މިޔަރު މުޅި އަހަރުތެރޭގައި ފެންނަ މަދު ސަރަހައްދުތަކުގެ ތެރޭގައި މަޑިވަރު ސަރަހައްދު ހިމެނެއެވެ.

މިސަބަބަށްޓަކައި މިއަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުވެސް ވަރަށް ގިނައެވެ. ރަސްދޫ މަޑިވަރަކީ ކަނޑުއަޑީގެ ހިއްގައިމުކަމާއި، ތަފާތު ވައްތަރުގެ ދިރުންތަކުގެ މުއްސަނދިކަމާއެކު ކަނޑުގެ ގިނަދިރުންތައް ފެންނަ ސަރަހައްދެކެވެ.

މީގެ އިތުރުން ޙިމާޔަތްކޮށްފައިވާ ށ.ފަރުކޮޅުގެ ބޮޑުބަޔަކީ ކުޅިއާއި ޗަސްބިން ކަމަށް ވާއިރު މި ރަށުގައި ތަފާތު 7 ކުޅިއެ އުފެދިފައި އޮވެއެވެ. އަދި މި ސަރަހައްދުތަކަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދިވެފައިވާ ތަންތަނެވެ. އަދި މިރަށުގެ ދިރޭތަކެތީގެ ނަސްލާއިބެހޭ މަޢުލޫމާތާއި ރަށުގައިހުރި ނާޒުކު ސަރަހައްދުތަކާއި ދިރުންތައް ވަނީ ތަފާތު ދިރާސާތަކުގެ އަލީގައި ދެނެގަނެވިފައެވެ.

ފަރުކޮޅުގެ ޤުދުރަތީ މާޙައުލު 6 ބަޔަކަށް ބަހާލެވިފައެވެ. އެއީ ރަށުގެ ގަސްފަށަލަތަކާއި، މޫދާއިގުޅިފައިވާ ފިނިހަކަ ކުޅިއާއި، ލޮނާއި މީރުފެންއެކުލެވޭ ފަސް ކުޅިއާއި ކުޅިވަށައިގެންވާ ޗަސްބިމާއި، މޫދުވިނަ އުފެދިފައިވާ ސަރަހައްދާއި، ރަށުގެ ގޮނޑުދޮށުގެ އިތުރުން ރަށުގެ ފަޅާއި ފަރުގެ މާޙައުލުތަކެވެ.

އެންވަރަމެންޓް މިނިސްޓްރީއިން އަލަށް ޙިމާޔަތްކުރި ތިންވަނަ ސަރަހައްދަކީ ގދ.ދިގުލާބަދޫއެވެ. މި ރަށުގެ ބައްޓަން ހުންނަ ގޮތުން މިއީ ރާއްޖޭގެ ވަރަށް މަދު ރަށަކަށް ނޫނީ ނުފެންނަ، ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި، ވަރަށް ރީތި ރަށެވެ. މި ރަށުގެ ބައްޓަމުގެ ސަބަބުން މިރަށުގެ ފަޅުތެރެއަށް ހުޅުވިފައިވާ ކޯރަކީ ހުޅަނގު މޫސުމުގައި އުފެދޭ ބާނީ ތަކުންނާއި ރާޅުން ރައްކާތެރިވެފައިވާ ވެއްޓެކެވެ.

އެހެންކަމުން މި ބޭއޭރިޔާއަކީ މިޔަރާއި، މަޑިއާއި ވަރަށް ގިނަ ފަރުގެ ދިރުންތައް ވިހައި އާލާވާ ސަރަހައްދެކެވެ. މީގެ އިތުރުން މިރަށުގެ ބޮޑުބަޔަކީ ކުޅިއާއި ޗަސްބިމުގެ މާހައުލުން މުއްސަނދި ވެފައިވާ ތަންތަނެވެ. މި ރަށުގެ އެންމެ މުހިއްމު އެއް ސަރަހައްދުކަމަށްވާ ފިނިހަކަކުޅި ސަރަހައްދަކީ ހިމާޔަތްކުރެވިފައިވާ ދޫނި އަދި ގިނަ ބާވަތްތަކެއްގެ މަސްތައް ބިސްއަޅާ އާލާވާ ތަންތަނެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ރާއްޖޭގެ ތިން ސަރަޙައްދެއް އަލަށް ޙިމާޔަތްކުރިކަން އިޢުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެންވާރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ ވޭތުވެ ދިޔަ ފަސްވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުތައް ހިމާޔަތްކުރުމަށް ކޮށްފައިވާ މަސައްކަތްތަކަކީ ފާހަގަކޮއްލެވޭ މަސައްކަތްތަކެއްކަމަށެވެ.