ޚަބަރު

ޓެރަރިޒަމާއި ހައްދުފަހަނައެޅުން ނައްތާލުމަށް މުވައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވޭ- ޔޫއެންއޯޑީސީ


ކަމާގުޅުންހުރި މުވައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން، ދިފާއީ ބާރުތަކަށް ލިބިގެން ނޫނީ ރާއްޖެފަދަ ކުދި ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ޤައުމުތަކުން ފިކުރީ ހައްދުފަހަނައެޅުމާއި ޓެރަރިޒަމް ނައްތާނުލެވޭނެކަމަށް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސްއިން ބުނެފިއެވެ.

ފިކުރީ ހައްދު ފަހަނައެޅުމާއި، ޓެރަރިޒަމްގެ ނުރައްކަލަށް އަހުލުވެރިކުރުމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، (އެންސީޓީސީ)އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް (ޔޫއެންއޯޑީސީ) ގުޅިގެން ބާއްވާ މަސައްކަތު ބައްދަލުވުން ފެއްށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މި މަސައްކަތު ބައްދަލުވުމުގެ ފެސިލިޓޭޓަރ ހެޑެމީ ޔޫކީ ވަނީ ރާއްޖެއިން ޓެރަރިޒަމް ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ.

އޭނާގެ ވަހަކައިގައިވަނީ، ފިކުރީ ހައްދު ފަހަނައަޅައި ދިޔުމާއި ޓެރަރިޒަމްގެ ނުރައްކާ ނައްތާލުމަށް އެންސީޓީސީ އާއި ޔޫއެންއޯޑީސީ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އަވައްޓެރި ބަންގްލަދޭޝާއި އިންޑޮނޭޝިއާފަދަ ޤައުމުތަކަށް ޓެރަރިސްޓް ހަމަލާތައް އަމާޒުވެފައިވާއިރު ރާއްޖެއިން މިފަދަ ހަމަލާތަކަށް ސަމާލުވެ ސަލާމަތީ ފިޔަވަޅުއެޅުން މުހިންމުކަމަށެވެ. އެގޮތުން ރާއްޖެފަދަ ކުދި ރަށްތަކަކަށް ބިނާވެފައިވާ ޤައުމެއްގައި މިފަދަ އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމަށެވެ.

ކޮންސަލްޓޭޓިވް ސެޝަން އޮން ޕްރިވެންޓިންގް އެންޑް ކައުންޓަރިންގް އެކްސްޓްރީމިޒަމް އެންޑް ޖެންޑަރ މެއިން ސްޓްރީމިންގް އިން ކްރިމިނަލް ޖަސްޓިސް ޓު ޓެރަރިޒަމްގެ ނަމުގައި ކުރިއަށްގެންދާ މި މަބައްދަލުވުމަކީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ މުއައްސަސާތަކާއި ގިނަ އަދަދެއްގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެއެވެ.