ރިޔާސީ އިންތިޚާބަށް ފަހު، ސަރުކާރު ބަދަލުކުރުގެ މަރުހަލާގެ ތެރެއިން އިދިކޮޅު ފަރާތްތަކުން މިނިސްޓްރީތަކަށް ކުރާ ޒިޔާރަތުގައި ސަރުކާރުގެ ދެ ވުޒާރާއަކުން އެއްބާރުލުން ދީފައިނުވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝަައިނީ ދޮގު ކުރައްވައިފިއެވެ.
ސަރުކާރު ބަދަލުކުރުގެ މަރުހަލާގެ ތެރެއިން އިދިކޮޅު ފަރާތްތަކުން މިނިސްޓްރީތަކަށް ކުރާ ޒިޔާރަތުގައި ފިޝަރީޒް މިނިސްޓަރު ޝައިނީ އެއްބާރުލުން ނުދިން ކަމަށް ބުނެ އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ޗެއާޕާސަން ޙުސައިން އަމުރު ވަނީ ޓްވީޓެއް ކުރައްވާފައެވެ. އަދި އޭނާ ވަނީ ފަހުން އެ ޓްވީޓު ޑިލީޓްކުރައްވާފައެވެ.
މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބައްދަލުވުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ވަޑައިނުގެންނެވި ނަމަވެސް މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު އެ ބައްދަލުވުން ކުރިއަށް ގެންދެވި ކަމަށާއި އެ ބައްދަލުވުމުގެ ބޭނުމަކީ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް އޮމާންކަމާއެކު އަންނަ ސަރުކާރުގެ ސިޔާތުތަކަށް ބަދަލުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި އެފަދަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ރަސްމީ ލިޔުމެއް އޮންނަންޖެހޭނެ ކަމަށާއި މިފަދަ ވަގުތެއްގައި ހިނގާ މުއާމަލާތްތައް ފަހުންވެސް ފެންނަން ހުންނަން ޖެހޭނެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ އޮފީހުން ލިޔުމަކުން ހުށަހެޅުމަށް އެދުނުކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މިނިސްޓަރ ޝައިނީ އެއްބާރުލެއްވުން ނުދެއްވާ ކަމަށް ބުނެ އިދިކޮޅު ފަރާތަކުން ކުރެއްވި ޓްވީޓް ޑިލީޓްކޮށްލެއްވި ނަމަވެސް މިފަދަ ހައްސާސް ވަގުތެއްގައި ރައްޔިތުންގެ ހިތުގައި ރުޅިވެރިކަން އުފެދި މަސްހަލަތު ގެއްލޭގޮތް ވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި މި ޓްވީޓާއި ގުޅިގެން ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީއަށާއި އެ މިނިސްޓްރީގެ ސީނިއަރ ބައެއް މުވައްޒަފުންނަށް ބައެއް ފަރާތްތަކުން މަރުގެ އިންޒާރުވެސް ދެމުންދާކަމަށް ފިޝަރީސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.