ޚަބަރު

ރާއްޖޭގެ ފުރަތަމަ ރިސޯޓަށް 46 އަހަރު ފުރުން ފާހަގަކޮށްފި


ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓް، ކުރުނބާ މޯލްޑިވްސްއަށް 46 އަހަރު ފުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެެވެ.

ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑުބައެއް ޚިއްސާކުރާ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފުރަތަމަ ރިސޯޓްކަމަށްވާ، ކުރުނބާ މޯލްޑިވްސް ހުޅުވުނީ 3 އޮކްޓޯބަރ 1972 ވަނަ އަހަރުއެވެ.

ކުރުނބާ މޯލްޑިވްސްއަށް 46 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން އެރިސޯޓްގެ މުވައްޒަފުންނާއި ފަތުރުވެރިން ބައިވެރިކޮށްގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިޔައެވެ. މިގޮތުން ބާބަކިޔު މުބާރާތަކާއި ތަފާތު އެކި ކުޅިވަރު ހަރަކާތްތައް އެރިސޯޓްގައި ކުރިއަށްދިޔައެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވިތާ 46 އަހަރު ފުރިފައިވާއިރު، މިއަދު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ މުޅި ދުނިޔެއަށް ނަމޫނާ ޞިނާޢަތެކެވެ. އަހަރުން އަހަރަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިއަހަރުގެ މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.