ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ އޮކިއުޕަންސީ %63 ގައި


މިއަހަރުގެ ފަހުކޮޅާ ހަމަޔަށް އައިއިރު، ފަތުރުވެރިކަމުގެ ދާއިރާގެ އޮކިއުޕަންސީހުރީ %63 ގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމުން ނެރިފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް އައިއިރު، ފަތުރުވެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި މީހުން ތިބި މިންވަރު ނުވަތަ އޮކިއުޕަންސީ ހުރީ %74 ގައެވެ. އަހަރު ތެރޭ އޮކިޕަންސީ ރޭޓް އެންމެ މަތިވެފައިވަނީ %81 އަށް ކަމަށްވާއިރު، އޮކިއުޕަންސީ އެންމެ ދައްކޮށްހުރީ %44 އާ ހަމާގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އޯގަސްޓްމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 972839 އަކަށް އަރައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %9.1 އިތުރު ޢަދަދެކެވެ. މިދިޔަ އަހަރުގެ އޯގަސްމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 892025 ފަތުރުވެރިންނެވެ.

މިއަހަރުގެ އޯގަސްޓްމަހު އެކަނިވެސް ރާއްޖެއަށްވަނީ 123991 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އޯގަސްޓްމަހާ އަޅާބަލާއިރު %2.2 އިތުރުވުމެކެވެ. މިދިޔައަހަރުގެ އޯގަސްޓްމަހު ރާއްޖެއަށް 121310 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.