ޚަބަރު

މިޞްރުގެ އާރމްޑް ފޯރސަސް ޑޭގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ ތަހުނިޔާ ފޮނުއްވައިފި


މިޞްރުގެ އާރމްޑް ފޯރސަސް ޑޭގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. މުޙައްމަދު އާޞިމް، މިޞްރުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، ސަމީޙް ޝުކްރީއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓަރ ފޮނުއްވި މެސެޖުގައި މިޞްރު ސަރުކާރާއި މިޞްރުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ދިވެހިރާއްޖެއާ މިޞްރާ ދެމެދު މިހާރުވެސް އޮންނަ ގާތް ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

1973 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހުގެ 6 ވަނަ ދުވަސް މިޞްރުގައި ފާހަގަކުރަނީ މިޞްރުގެ އާރމްޑް ފޯރސަސް ޑޭގެ ގޮތުގައެވެ. 1973 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 6 ވަނަ ދުވަސްވެގެން ގޮސްފައިވަނީ މިޞްރާއި ސޫރިއާގެ އަސްކަރީ ބާރުތަށް އެކަތިގަނޑަކަށްވެ އިސްރާއީލަށް ކުއްލި ޙަމަލާއެއްދިން ދުވަހަށެވެ. އެގޮތުން މިޞްރުގެ އާރމްޑް ފޯރސަސް ޑޭ ފާހަގަކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާގެ ބާރާއި ހުނަރު ދައްކާލުމަށް ޕެރޭޑާއި ތަފާތު ޓީވީ ޝޯތަށް ދައްކައެވެ.