ޚަބަރު

ތުރުކީ ފައުޖުތައް ސޫރިޔާއިން ފައިބާނީ އިންތިޚާބެއް ބޭއްވުމުން- އުރުދުޣާން


ސޫރިޔާގައި ހަރަކާތްތެރިވާ ތުރުކީވިލާތުގެ ފައުޖުތަކުން އެ ޤައުމުން ފައިބާނީ ސޫރިޔާގެ ރައްޔިތުންނަށް ބައިވެރިވޭނެ އިންތިޚާބެއް އެ ޤައުމުގައި ބޭއްވުމުންކަމަށް ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. އުރުދުޣާން މިހެން ވިދާޅުވެފައި މިވަނީ ސޫރިޔާގެ ސަރުކާރުގެ ހުއްދަ އާ ނުލާ އެ ޤައުމުގައި ހަރަކާތްތެރިވަމުންދާ އަސްކަރީ ފައުޖުތަކުން މިހާރުން މިހާރަށް އެގައުމުން ފޭބުމަށް ސޫރިޔާގެ ސަރުކާރުން ތަކުރާރުކޮށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ތުރުކީވިލާތުގެ އިސްތަންބުލްގައި ވާހަކަދައްކަވަމުން ތުރުކީވިލާތުގެ ރައީސް އުރުދުޣާން ވިދާޅުވީ، ސޫރިޔާގައި އިންތިޚާބެއް ބާއްވާ އިންތިޚާބަށް ފަހު ވެރިކަމާ ހަވާލުވާ ފަރާތެއްގެ އަތް މައްޗަށް ބާރުތައް ދޫކޮށްލުމުން، އެ ޤައުމުގައި ހަރަކާތްތެރިވަމުންދާ ތުރުކީވިލާތުގެ ފައުޖުތަކުން އެގައުމުން ފައިބާނެކަމަށެވެ. ހުސްވި މަހު ތުރުކީވިލާތުގެ ރައީސް އުރުދުޣާން ވަނީ، ސޫރިޔާގެ އިދްލިބްގައި ހަމަލާ ބަދަލުކުރުން މަނާ ސަރަހައްދެއް ޤާއިމުކޮށް ބެލެހެއްޓުމަށް ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިންއާއެކު އެއްބަސްވެވަޑައިގެންފައެވެ.

މި އެއްބަސްވުމުގައި އެބޭފުޅުން ވަނީ އިދްލިބްގައި ހަރަކާތްތެރިވާ ހައްދުފަނައަޅާފައިވާ ހަނގުރާމަވެރި ޖަމަޢާތްތަކުން ހަމަލާ ބަދަލުކުރުން މަނާ ސަރަހައްދުން ފޭބުމަށް ގޮވާލާފައެވެ. އަދި ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ، މިފަދަ ޖަމާޢަތްތަކާއެކު މަޝްވަރާކުރުމުގައި ދަތިތަކާ ކުރިމަތިވާނެކަމަށް ތުރުކީވިލާތުން ނުދެކޭ ކަމަށެވެ.