ޚަބަރު

ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތަކުގެ މަަޢުލޫމާތު ހިމެނޭ ކާޑެއް ނެރެފި


ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތަކުގެ މަޢުލޫމާތު ހިމެނޭ ކާޑެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ތަޢާރަފްކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނީ "ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ކާޑު"ގެ ނަމުގައި ތަޢާރަފްކުރި ކާޑުގެ މަޤްސަދަކީ ބިދޭސީ މަސައްކަތްތެރިންނަށް އެމީހުންނަށް ލިބިގެންވާ އަސާސީ ހައްގުތައް އަންގައިދީ، އެކަމަށް އަހުލުވެރިކުރުވުންކަމަށެވެ. އަދި ހައްގެއް ނިގުޅައިގަނެފައިވާނަމަ އެކަމާ ގުޅިގެން އެހީތެރިކަން ހޯދުމަށް ގުޅާނެ ފަރާތްތަކުގެ މައުލޫމާތުވެސް މިކާޑުގައި ހިމެނޭކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބުނެއެވެ.

ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ކާޑު ނަމުގައި ތައާރަފް ކުރި މިކާޑު ތިން ބަހަކަށް ތަރުޖަމާކޮށްފައިވާއިރު، އޭގެ ތެރޭގައި ބެންގާލީ، މަލަޔާލަމް އަދި ނޭޕާލީސް ހިމެނެއެވެ. އެޗް.އާރް.ސީ.އެމް އިން ބުނީ މިއީ ފެށުން ކަމަށާއި ކުރިއަށް އޮތްތާނގައި އިތުރު ބަސްތަކަށް މިފޮތް ތަރުޖަމާ ކުރެވިގެންދާނެ ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ކާޑު ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗް.އާރް.ސީ.އެމްގެ ނާއިބު ރައީސް މުހަންމަދު ޒާހިދު ވިދާޅުވީ ކޮމިޝަންގެ ފަރާތުން ބިދޭސީންގެ ހައްގުތައް ރައްކާތެރިކޮށް އެމީހުންނަށް ބޭނުންވާ ތަފާތު ކަންތައްތައް ކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ކާޑުތައް ތަޢާޜަފްކޮށްފައިވާއިރު، ރާއްޖޭގައި ހުންނަ އެކި ޤައުމުތަކުގެ އެމްބަސީތަކާ މިކާޑުތައް ހަވާލުކުރަމުންދާނޭކަމަށް އެޗްއާރުސީއެމުން ބުނެއެވެ.