ޚަބަރު

ރައީސް މުންތަޚަބްގެ ދަޢުވަތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ


ޕާކިސްތާން ބޮޑުވަޒީރު އިމްރާން ޚާން ރާއްޖެ ވަޑައިގަތުމަށް ރައީސް މުންތަޚައްބު އިބްރާޙީމް މުޙައްމަދު ސާލިޙު ދެއްވި ދައުވަތު އެމަނިކުފާނު ޤަބޫލުކުރައްވައިފިއެވެ.

ޕާކިސްތާނުގެ ނޫސްތައް ބުނާގޮތުން ރައީސް މުންތަޚައްބު އިބްރާޙީމް މުޙައްމަދު ސާލިޙު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް ރާއްޖެ ވަޑައިގެންނެވުމުގެ ދައުވަތު ދެއްވާފައިވަނީ، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ކުރެއްވި ފޯންކޯލުގައެވެ. ރައީސް މުންތަޚައްބު އިބްރާޙީމް މުޙައްމަދު ސާލިޙާއި ޕާކިސްތާންގެ ބޮޑުވަޒީރު ފޯނުން ގުޅުއްވައި ދެ ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައިވާ ކަމަށް ޕާކިސްތާނުގެ ނޫސްތަކުގައި ބުނެފައިވެއެވެ. އަދި ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ރައީސް މުންތަޚައްބު އިބްރާޙިމް މުޙައްމަދު ސާލިހުގެ ވެރިކަމެއްގައި އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށްވެސް ޕާކިސްތާންގެ ނޫސްތަކުގައި ބުނެފައިވެއެވެ.

މީގެއިތުރުން ދެފަރާތަށް ފަސޭހަ ތާރީޚެއްގައި މާލެ ވަޑައިގެންދެއްވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް، ރައީސް މުންތަޚައްބު އިބްރާހިމް މުޙައްމަދު ސާލިހް ދެއްވި ދައުވަތު އެމަނިކުފާނު ޤަބޫލުފުޅުކުރައްވާފައިވާ ކަމަށް ވެސް ޕާކިސްތާނުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ރައީސް މުންތަޚައްބު އިބްރާޙީމް މުޙައްމަދު ސާލިޙު ޕާކިސްތާން ބޮޑުވަޒީރު އިމްރާން ޚާނަށް ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާފައިވާއިރު، ރައީސް މުންތަޚައްބު އިބްރާޙީމް މުޙައްމަދު ސާލިޙު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައަށް ވެސް ވަނީ ދައުވަތު ދެއްވާފައެވެ.

ރައީސް މުންތަޚައްބު އިބްރާޙީމް މުޙައްމަދު ސާލިޙު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.