ޚަބަރު

ސްޕްރީމް ކޯޓުގެ އަމުރަށް ބޯލެނބުމަށް އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ގޮވާލައިފި


ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑިއާމެދު އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާޠިލްކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފުރިހަމައަށް ބޯލެނބުމަށް ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާޠިލްކޮށް އެ 12 މެންބަރުން ނިސްބަތްވާ ދާއިރާތަކުގެ ބައި-އިލެކްޝަން ބޭއްވުން މަޑުޖައްސާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާގުޅިގެން ސްޕްރީމް ކޯޓުން ވަނީ އެ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅާފައެވެ. އަދި މި މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމަނީސް އެކަމާމެދު ބަހުސްކޮށް، ގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށް ބެލެވޭނޭކަމަށްވެސް އެ އަމުރުގައި ބުނެފައިވެއެވެ.

ސްޕްރީމްކޯޓުގެ އަމުރާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ އަމުރުގައިވާ ކަންކަމަށް ފުރިހަމައަށް ބޯލަނބާކަމަށާ، ސްޕްރީމް ކޯޓަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް އިލެކްޝަންސް ކޮމިޝަނުގެ ފުރިހަމަ ތާޢީދާއި އެއްބާރުލުން ލިބޭނެކަމަށެވެ.