ޓުއަރިޒަމް

ކޮންޑޯ އަދި އީޑްލްވައިސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި


ފިނި މޫސުމާ ދިމާކޮށް ޔޫރަޕްގެ މަޝްހޫރު 2 އެއަރލައިނަކުން ރާއްޖެއަށް އަލުން ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.

ފިނި މޫސުމާއި ދިމާކޮށް ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައިވާ ދެ އެއަރލައިނަކީ ކޮންޑޯ އަދި އީޑްލްވައިސް އެއަރއެވެ. މީގެ ތެރެއިން އީޑްލްވައިސް އެއަރއަކީ ލުފްތަންސާ ގްރޫޕުގައި ހިމެނޭ ސުވިސް އިންޓަރނޭޝަނަލް އެއަރލައިނަށް ނިސްބަތްވާ އެއަރލައިނެކެވެ. އަދި ކޮންޑޯއަކީ ޖަރުމަނަށް ނިސްބަތްވާ އެއަރލައިނެކެވެ.

މި 2 އެއަރލައިންގެ ދަތުރުތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީ.އައި.އޭއަށް ފަށާފައިވާއިރު، މި 2 އެއަރލައިނުންވެސް ހަފްތާއަކު 2 ޝެޑިއުލް ދަތުރުކުރާނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އަދި މި 2 އެއަރލައިނަކީ މީގެކުރިންވެސް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކޮށްފައިވާ 2 އެއަރލައިންކަން އެކުންފުނިން ފާހަގަކުރެއެވެ. އީޑްލްވައިސް އެއަރއިން ދުނިޔޭގެ 64 މަންޒިލަކަށް ދަތުރުކުރާއިރު، ކޮންޑޯއިން އަންނަނީ ދުނިޔޭގެ 90 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.

އޮކްޓޯބަރ، ނޮވެމްބަރ އަދި ޑިސެމްބަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ޕީކް ސީޒަންކަމަށްވެފައި، ކޮންމެ އަހަރެއްގެވެސް މިދުވަސްވަރާއި ދިމާކޮށް ރާއްޖެއަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ އެއަރލައިންތަކުން އަންނަނީ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އެއަރ ލައިންތަކުގެ އިތުރުން ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދުވެސް އިތުރުވެގެންދާކަން ފާހަގަކޮށްލެވެއެވެ.