ޚަބަރު

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި


މިދިޔަ ހުކުރު ދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެކޮމިޝަނުން މިގޮތަށް ނިންމީ މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މިދިޔަ ހުކުރުދަވހު ޕީޕީއެމުން ބޭއްވި ކޮންގްރެސް ބަލައި ނުގަތުމަށް ނިންމީ، ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަ ނުކޮށް ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވާތީކަމަށެވެ. އެހެންކަމުން އެ ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން އެންޑޯޒް ކުރެވެން ނެތްކަމަށް އެކޮމިޝަނުންވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމާފައި މިވަނީ، ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ އެ ޕާޓިގެ އަސާސީ ޤަވާއިދާއި ޚިލާފަށްކަމަށްބުނެ ޕީޕީއެމްގެ ކައުންސިލްގައި ކުރިން ހިމެނިވަޑައިގަންނަވާ މެންބަރަކު އިލެކްޝަންސް ކޮމިޝަނަށް މައްސަލައެއް ހުށައަޅަފައިވަނިކޮށެވެ. އަދި ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުވެސް ވަނީ ޕީޕީއެމްއިން ބޭއްވި ކޮންގްރެސްގައި ހުރި ކަންބޮޑުވުންތައް ހާމަކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް ސިޓީއެއް ފޮނުއްވާފައެވެ.

ރައީސް މައުމޫން ވިދާޅުވެފައިވަނީ ކޮންގްރެސް ބާއްވާފައިވަނީ އެޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ. ޚާއްސަ ޙާލަތެއް މެދުވެރިވާނަމަ ޤައުމީ ޖަލްސާއެއް ބޭއްވެން ޤަވާއިދު ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކުރުމުން ކަމަށާ، މިހާރު ހަރަކާތްތެރިވާ ކައުންސިލްގެ މުއްދަތު ހަމަވެފައިވާތީ ޕީޕީއެމްގައި މިހާރު އޮތީ އަސާސީ ގަވާއިދުގެ ދަށުން ސައްހަ ކައުންސިލެއް ނޫން ކަމަށްވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ޚާއްޞަ ގޮތުން ޕީޕީއެމުން ބޭއްވި ކޮންގްރެސްގައިވަނީ އެޕާޓިގެ ރައީސްގެ މަޤާމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޢައްޔަންކުރައްވާފައެވެ. އަދި ޕާޓީގެ ހަތަރު ނާއިބު ރައީސުންނާއި ކައުންސިލަށްވެސް ވަނީ މެންބަރުން އައްޔަންކޮށްފައެވެ.