ޚަބަރު

ޑިމާންޑް ނެތުމުން ސައިކަލު ފެރީގެ ޚިދުމަތް ހުއްޓާލައިފި


ސިނަމާލެ ބްރިޖު ހުޅުވުމާއެކު ސައިކަލު ފެރީތަކަށް އޮންނަ ޑިމާންޑު ކުޑަވުމުގެ ސަބަބުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން މާލެއާއި ހުޅުމާލެއާ ދެމެދު ދެމުންގެންދިޔަ ސައިކަލު ފެރީގެ ޚިދުމަތް ހުއްޓާލައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ފެރީގައި ސައިކަލު އުފުލާ ޑިމާންޑް ކުޑަވުމާއިއެކު އެ ކުންފުނިން ފެރީ ނިޒާމަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެކުންފުނިން ބުނީ ސައިކަލު އުފުލުމަށް ޚާއްސަކޮށްފައިވާ ސައިކަލު ފެރީގެ އިތުރުން، ޢާއްމުން އުފުލުމަށް ދަތުރުކުރާ ފެރީތަކުގައިވެސް ސައިކަލު ގެންދިއުން ހުއްޓާލާފައިވާކަމަށެވެ.

ހުޅުމާލެއާއި މާލެއާ ދެމެދު ސައިކަލަށް ޚާއްސަކޮށްގެން ފެރީ ދަތުރުތައް ފަށާފައިވަނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާއިރު، މާލެއާއި ހުޅުމާލެއަށް ދަތުރުކުރާ ފަރާތްތަކުން ސައިކަލު އުފުލާ މިންވަރު އިތުރުވެގެންދިއުމާއި ގުޅިގެންނެވެ. އެމްޓީސީއިން ބުނެފައިވަނީ ޢާއްމު ދަތުރުތަކަށް ބްރިޖް ހުޅުވާލުމާއެކު ފެރީގައި ދަތުރުކުރާ ސައިކަލުތަކުގެ ޢަދަދު އެއްކޮށްހެން ހުއްޓިފައިވާކަމަށެވެ. އަދި ހަމައެކަނި ފެރީގެ ޚިދުމަތް ހޯދަމުންދަނީ ބްރިޖް މަތީގައި ދަތުރުކުރުމަށް ކަނޑައަޅާފައިވާ ޤަވައިދުތަކަށް ނުފެތޭ، މައްސަލަތައް ހުންނަ ސައިކަލުތައްކަމަށްވެސް އެ ކުންފުނިން ބުނެއެވެ. ފެރީން ސައިކަލު ގެންދިއުން ހުއްޓާލުމުގެ މަޤްސަދުތަކުގެ ތެރޭގައި ސައިކަލު ދުއްވާ ފަރާތްތައް ޤަވައިދުތަކަށް އަލުވެރިކުރުންވެސް ހިމެނޭކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީން ސައިކަލު ފެރީތަކާއި، ޢާއްމު ފެރީތަކުގައި ސައިކަލު އުފުލުން ހުއްޓާލިނަމަވެސް، ޢާންމުން ދަތުރުކުރާ ފެރީތައް މިހާރުވެސް ޝެޑިއުލާ އެއްގޮތަށް ގެންދަނީ ކުރިއަށްގެންދަމުންނެވެ. ނަމަވެސް ސައިކަލުގެ އިތުރުން، ޢާއްމުފެރީގައި ދަތުރުކުރާ މީހުންގެ ޢަދަދުވެސް ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް އެކުންފުނިން ބުނެއެވެ.

ސެޕްޓެމްބަރު މަހުގެ 7ވަނަ ދުވަހު ޢާއްމު ދަތުރުތަކަށް ބްރިޖް ހުޅުވާލުމާއެކު، ސައިކަލާއި، ކާރާއި އަދި ބްރިޖް މަތިން އެއްގަމުމަގުން ހުޅުމާލެއަށް ދިއުމަށް ބަސްދަތުރުގެ ޚިދުމަތްވެސްވަނީ ފަށާފައެވެ. އަދި މިއާއެކު ކަނޑުމަގުން ދަތުރުކުރާ ފެރީގެ ޑިމާންޑުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.