ޓުއަރިޒަމް

"މިއަހަރުގެ މަންތާ މޫސުން ވަރަށް ކާމިޔާބު"


މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މަންތާ މޫސުމަކީ މައްސަލަތައްކުޑަ، ހުރިހާގޮތަކުންވެސް ވަރަށް ކާމިޔާބު މަންތާ ސީޒަނެއްކަމަށް ބ.އަތޮޅު ބަޔޯސްފިއަރ ރިސަރވް އޮފީހުން ބުނެފިއެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ.އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ޚާއްޞަ އެއް ތަނަކީ ހަނިފަރެވެ. ނުވަތަ ހަނިފަރު ބޭއެވެ. މިޞަރަޙައްދު ޚާއްޞަވެގެން ދަނީ ގިނަ ޢަދަދަކަށް، އެންމަޑި އާއި ފެހުރިހި އާލާވާ ތަނަކަށްވާތީއެވެ. މިއީ ރާއްޖެ އަންނަ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަޤްބޫލު މަންޒިލެކެވެ. ވަކިން ހާއްޞަކޮށް ބ.އަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންގެވެސް މައިގަނޑު އެއްމަންޒިލެވެ.

އެންމަޑި ނުވަތަ މަންތާ ބަލާލުމަށް ބ.އަތޮޅަށް އަންނަ ފަތުރުވެރިން މަދެއްނޫނެވެ. މަންތާ ސީޒަނުގެ ގޮތުގައި ބަލަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުން ނޮވެމްބަރމަހުގެ ނިޔަލަށެވެ. ބ.އަތޮޅު ޔުނެސްކޯ ބަޔޯސްފިއަރ ރިސަރވްގެ ގޮތުގައި ޙިމާޔަތް ކޮށްފައިވާ މިޞަރަޙައްދަކީ ވަކި ޚާއްޞަ ހުއްދައެއް އޮވެގެން ވަދެވޭ ޞަރަޙައްދެކެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބ.އަތޮޅު ޔުނެސްކޯ ބަޔޯސްފިއަރ ރިސަރވްގެ ގޮތުގައި ކަނޑައެޅިގެން ގޮސްފައިވަނީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހެވެ. އަދި މިކަމަށް ޤަވައިދެއް ހަދައި ޢަމަލުކުރަން ފެށީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.
ޤަވައިދަށް ޢަމަލުކުރަން ފެށިތާ 3 އަހަރު ތެރޭގައި ޝަކުވާއެއް ނާންނަމަހެއް މަދުކަމަށާ، އެހެންނަމަވެސް މިހާރު އެކަން ވަރަށް ބޮޑައް ޙައްލުވެފައިވާކަމަށް ބ.އަތޮޅު ބަޔޯސްފިއަރ ރިސަރވް އޮފީހުން ބުނެއެވެ.

ޝާފީ އަލީ ވިދާޅުވީ ހަނިފަރު ހިމެނޭ ޞަރަޙައްދަށް މިއަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިޞްބަތްވެސް އެހެން އަހަރުތަކާ އަޅާބަލާއިރު އިތުރުވެފައިވާކަމަށެވެ. ބ.އަތޮޅަށް ޒިޔާރަތްކުރާ %90 ފަތުރުވެރިންނަކީ، މިޞަރަޙައްދައް އެރިލާ މަންތާ އަދި ފެހުރިއްސާއެކު ފީނާލަން ބޭނުންވެގެން އަންނަ ފަތުރުވެރިކަން ބ.އަތޮޅުގެ ރިސޯޓްތަކުން ބުނެއެވެ.

ބ.އަތޮޅު ބަޔޯސްފިއަރ ރިސަރވް އޮފީހުން ބުނާ ގޮތުގައި ޙިމާޔަތް ކުރެވިފައިވާ ޞަރަޙައްދާމެދު ހޭލުންތެރިކަން އިތުރުކުރަން މިއަހަރު ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ބ.އަތޮޅު ސުކޫލްތަކުގައި ކިޔަވާ ޘާނަވީ ގްރޭޑުތަކުގެ ދަރިވަރުންނަށް ޢަމާޒުކޮށްގެން ޕްރޮގްރާމްތަކެއް ކުރިޔަށްގެންދިޔައެވެ. ފާއިތުވެދިޔަ އަހަރަކީ ހުރިހާ ގޮތަކުންވެސް ވަރަށް ކާމިޔާބު އަހަރެއްކަން ފާހަގަކުރަމުން ޝާފީ ޢަލީ ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި މިޞަރަޙައްދު ޕްރޮމޯޓްކުރުމަށްޓަކައި، ބައިނަލްއަޤުއާމީ ފެންވަރުގައި ޑޮކިއުމަންޓްރީ ހަދަން ފަސް ފަރާތަކަށް ފުރުޞަތު ދީފައިވާކަމަށެވެ. އެގޮތުން ނޝަނަލް ޖޯގްރަފިކް އާ ބީބީސީން ހަނިފަރު ބޭ އާ ބެހޭ ޑޮކިއުމަންޓްރީ އުފައްދާފައިވާކަން އޭނާ ފާހަގަކުރިއެވެ. އަދި މިހާރުވެސް ބޭރުގެ ފަރާތްތަކުން މިފަދަ ފުރުޞަތުތަކަށް އެދެމުން ދާކަމަށް ޝާފީ ވިދާޅުވިއެވެ.

ޙިމާޔަތްކޮށްފައިވާ ޞަރަޙައްދު ބެލެހެއްޓުމުގައި ބަޔޯސްފިއަރ ރިޒާވްގެ މުވައްޒަފުންނާ، ބ.އަތޮޅުގެ ރިސޯޓްތަކާ ރައްޔިތުންގެ އެހީތެރިކަމާ އެއްބާރުލުން ލިބެމުންދާކަމަށް ބ.އަތޮޅު ބަޔޯސްފިއަރ ރިސަރވް އޮފީހުން ބުނެއެވެ.

ޙިމާޔަތްކޮށްފައިވާ ޞަރަޙައްދަށް އެރި އުޅުމަށް ވަކި ޚާއްޞަ އުޞޫލުތަކެއް ކަނޑައެޅިފައިވެއެވެ. ހަނިފަރު ބޭގައި ފުޅިއަޅައިގެން ފީނުމަކީ މަނާކަމެކެވެ. އަދި މިތަނަށް އެރެވެނީ ވަކި ހުއްދައެއް ދޫކޮށްފައިވާ ފަރާތްތަކެއްގެ ޓުއަ ގައިޑަކާ އެކު، ހުކުރު ދުވަހު މެންދުރު ކުރިން 12 އިން ދޭކަށް އަދި ރޭގަނޑު ހައެއްގެ ފަހުން މިޞަރަޙައްދަށް ވަދެ އުޅުމަކީ މަނާކަމެމެކެވެ.