ޚަބަރު

ފޮރިން މިނިސްޓަރ އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


އިންޑޮނޭޝިއާގެ ސުލަވޭސީ ކައިރިއަށް 7.5 މެގްނިޓިޑިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާއި ސުނާމީއާއި ގުޅިގެން ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާސިމް އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރ ރެޓްނޯ މަރްސޫދީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރު އާސިމް ފޮނުއްވި މެސެޖުގައި، އިންޑޮނޭޝިއާގެ ސުލަވޭސީއާއި ޕާލޫއަށް ކުރިމަތިވި ބިންހެލުމުގެ ސަބަބުން ބައެއް މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެ، ޢިމާރާތްތަކަށް ވަރަށްގިނަ ގެއްލުންތަކެއް ވެފައިވާތީ، އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދި ދުޢާކުރައްވާކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މި ހާދިސާގައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށާއި، މި ކާރިސާގައި އަނިޔާލިބުނު ފަރާތްތަކަށް އަވަސް ޝިފާއެއް ލިބުމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މި ޙާދިސާތަކުގައި މަރުވި މީހުންގެ ޢާއިލާތަކަށް، މިނިސްޓަރުގެ މެސެޖުގައި އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

މިދިޔަ ހުކުރުދުވަހު އިންޑޮނީޝިއާއަށް އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 7.5ގެ ބާރުމިނުގެ ބިންހެލުމެކެވެ.
ކަނޑުގެ އަޑިއަށް އައި އެ ބިންހެލުމާއެކު އައި ސުނާމީގެ ބޮޑު ރާޅު އަރާފައިވަނީ ސުލާވްސީ ޖަޒީރާ ސިޓީއެއްކަމަށްވާ ޕާލޫ އަށެވެ. ޕާލޫ އަށް އެރި ސުނާމީގައި އެ ސިޓީއަށް ލިބުނު މާއްދީ ބޮޑެތި ގެއްލުންތަކުގެ ތެރޭގައި އެސިޓީގެ ބައެއް ގެތަކާއި ވިޔަފާރީގެ މައި މަރުކަޒު ހަލާކުވެ ސުންނާފަތިވުން ހިމެނެއެވެ.

މިއީ 2004 ވަނަ އަހަރު އިންޑޮނީޝިޔާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިންހެލުމާއެކު އުފެދުނު ސުނާމީއަށްފަހު އިންޑޮނޭޝިޔާގެ ޞަރަޙައްދަކަށް އެރި އެންމެ ބޮޑު ސުނާމީއެވެ. ހުކުރުދުވަހުގެ ސުނާމީ އިންޑޮނޭޝިޔާ ފިޔަވައި އެހެން ޤައުމަކަށް އަރާފައެއް ނުވެއެވެ.