ޚަބަރު

ލ. ގަމުން ޤަވާއިދާއި ޚިލާފަށް ގޯތި ދޫކުރި މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި


ހައްދުންމަތީ ގަމު ސިނާޢީ ޞަރަޙައްދުން ޤަވާއިދާ ޚިލާފަށް ގޯތި ވިއްކައިގެން ލިބުނު ފައިސާ ބޭނުންކޮށްފައިވާކަމަށް ބުނާ މައްސަލައިގަ އެރަށު ކައުންސިލްގެ އިދާރާގެ މުވައްޒަފަކާއި، ކައުންސިލްގެ ކުރީގެ ރައީސްގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ، ލ.ގަމު ކައުންސިލްގެ ބައެއް ކައުންސިލަރުންނާއި އެ ކައުންސިލްގެ ބައެއް މުވައްޒަފުން ގުޅިގެން އެރަށުގެ ސިނާޢީ ސަރަޙައްދުން ޤަވާއިދާ ޚިލާފަށް ބައެއް ގޯތި ވިއްކައި، އެއިން ލިބުނު ފައިސާ ބޭނުންކޮށްފައިވާކަމަށް ބުނާ މައްސަލަ ތަޙްޤީޤުކުރުމަށްފަހު، ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރަށާއި، ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވާކަމަށެވެ.

އޭސީސީން ބުނީ، ގަމު ސިނާޢީ ޞަރަޙައްދުން ސައްޙަނޫން ގޯތީގެ ރަޖިސްޓްރީ 12 ފަރާތްތަކަށް ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވާކަން ތަޙްޤީޤަށް ފާހގަކުރެވިފައިވާކަމަށެވެ. ލ.ގަމު ސިނާޢީ ޞަރަޙައްދުން ދޫކޮށްފައިވާ ސައްޙަނޫން ރަޖިސްޓްރީތަކަކީ 1989 ވަނަ އަހަރު ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސްއިން ސެލެކްޓެޑް އައިލެންޑް ޑިވެލޮޕްލަމަންޓް ޕްރޮޖެކްޓު ހިންގި ދުވަސްވަރު ގޯތި ދޫކުރުމަށްފަހު ރަޖިސްޓްރީނުކޮށް ހުރި ގޯތިތަކެއްކަން ހައްދުންމަތީ އަތޮޅުއޮފީހުގެ ލިޔެކިޔުންތަކުން އެނގޭކަމަށްވެސް އޭސީސީން ބުނެއެވެ. އަދި އެ 12 ގޯތީގެ ވެރިފަރާތްކަމަށް ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ އެއްވެސް ދުވަސްވަރެއްގައި ލ.ގަމުން ގޯއްޗެއް ލިބިފައިވާ ފަރާތްތަކެއް ނޫންކަންވެސް ހައްދުންމަތީ އަތޮޅުއޮފީހުގެ ލިޔެކިޔުންތަކުން އެނގޭކަމަށްވެސް އޭސީސީން ބުނެއެވެ.

މީގެ އިތުރުން ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސާއި، އެކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ ގެ އެކައުންޓަށް ބޮޑެތި ޢަދަދުން އަމިއްލަ ފަރާތަކުން ފައިސާ ޖަމާކޮށްފައިވާކަން، ބޭންކް އޮފް މޯލްޑިވްސްއިން ހޯދާފައިވާ އެދެފަރާތުގެ ބޭންކް އެކައުންޓުގެ ތަފްޞީލުތަކުން އެނގެން އޮތްކަމަށާއި، މިމައްސަލައިގެ ތުހުމަތުގައި ބުނާ 12 ގޯތީގެ ރަޖިސްޓްރީގައި ގޯތީގެ ވެރިފަރާތް ކަމަށްބުނާ ފަރާތްތަކުގެ ތެރެއިން ތަޙުޤީޤަށް ބަޔާން ނަގާފައިވާ އެއްވެސް ފަރާތަކީ ލ.ގަމު ސިނާޢީ ޞަރަޙައްދުން އެއްވެސް ދުވަސްވަރަކު ގޯއްޗެއް ލިބިފައިވާ ފަރާތެއް ނޫންކަމަށް އެފަރާތްތަކުން ބުނެފައިވާކަމަށް އޭސީސީން ތަޙްޤީޤުކުރުމަށްފަހު ދަޢުވާކުރުމަށް ފޮނުވި މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އޭސީސީން ވަނީ މިދެފަރާތުގެ މައްޗަށް ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ތިބެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ލ.ގަމު ސިނާޢީ ޞަރަޙައްދަށް ނިޞްބަތްވާ ގޯތިތަކެއްގެ ޞައްޙަނޫން ރަޖިސްޓްރީތަކެއް ހެދުމަށްފަހު ގޯތިވިއްކައި، ނާޖާއިޒު ފައިދާ ހޯދައިދިންކަމާއި، އަދި ރަޖިސްޓްރީތައް ވިއްކައިގެން އެދެފަރާތުން ނާޖާއިޒު ފައިދާ ހޯދާފައިވާކަން ހެކިތަކުން އެނގެން އޮތުމުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.