ރިޕޯޓް

މިއަދަކީ ދުނިޔޭގެ ހިތުގެ ދުވަސް، ހިތުގެ ބަލިތަކުގެ ފަރުވާ މިހާރު ރާއްޖެއިން ލިބޭ

2012 ވަނަ އަހަރުން ފެށިގެން ވޯލްޑް ހާރޓް ފެޑަރޭޝަންއިން ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަސް ފާހަގަކުރަމުންދަނީ "ވޯލްޑް ހާރޓް ޑޭ" ނުވަތަ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ މަޤްސަދަކީ ދުނިޔޭގައި މަރުވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މަރުވަނީ ހިތުގެ މައްސަލަތަކުގައިކަމަށްވާތީ، މިކަން މެދުވެރިވާ ގޮތާއި، މިކަމުން ރައްކާތެރިވެވޭނެ ގޮތްތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.

މިދުވަސް ފާހަގަކުރުމުގެ އަމާޒަކީ 2025 ވަނަ އަހަރާހަމަޔަށް ގައިންގަޔަށްނާރާ ބަލިތަކުގެ ސަބަބުން މަރުވާމީހުންގެ އަދަދު 25 އިންސަތަ މަދުކުރުމެވެ. ޚާއްޞަކޮށް، ހިތުގެ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުކުރުމެވެ. ގައިންގަޔަށްނާރާ ބަލިތަކުގެ ތެރެއިން ހިތުގެ ބައްޔަކީ ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ ބައްޔެވެ. މިގޮތުން ކޮންމެ އަހަރަކުވެސް ހިތުގެ ބަލިތަކުގެ ސަބަބުން 17.5 މިލިއަން މީހުން މަރުވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށްނާރާ ބަލިތައްކަމަށްވާތީ މިކަމަށް ޙައްލުހޯދުމަށް ސިއްޙީ ދާއިރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އާންމުންގެ މެދުގައި ގައިންގަޔަށް ނާރާބަލިތައްކަމަށްވާ ހިތާއި، ކިޑްނީގެ ބަލިތަކާއި ކެންސަރުފަދަ ބަލިތަކުން ސަލާމަތްވެވޭނެ ގޮތްތަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، މިފަދަ ބަލިތަކަށްދެވޭ ފަރުވާ ރާއްޖެއިން ލިބޭނެ ވަސީލަތްތައް ސަރުކާރުން ދަނީ ޤާއިމްކުރަމުންނެވެ.

5 ޖޫން 2016 ގައި ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަކޮށްގެން ނޭޝަނަލް ކާޑިއެކް ސެންޓަރެއް ސަރުކާރުން ޤާއިމުކޮށްފައިވާއިރު، މިހާތަނަށް 52،996 މީހުންނަށް އެސެންޓަރުން ވަނީ ޚިދުމަތް ދީފައެވެ. 3،178 ހިތުގެ ޕްރޮސީޖަރ ކެތްލެބްގައި ހަދާފައިވެއެވެ. މިސެންޓަރުންދޭ އިތުރު ޚިދުމަތްތަކުގެ ތެރޭގައި އީސީޖީ، އިކޯކާޑިއޯގްރަފީ، އެންޖީއޯގްރާމް، ހޯލްޓަރ، ޓީއެމްޓީގެ އިތުރުން ހިތުގެ ތަފާތު ޕްރޮސީޖަރތައް ހެދުމުގެ ޚިދުމަތް ދެއެވެ. އަދި ޕޯސްޓް އިންޓަރވެންޝަން ކްލިނިކްގެ ޚިދުމަތްވެސް ނޭޝަނަލް ކާރޑިއެކް ސެންޓަރުން ދެއެވެ. 11 ނޮވެމްބަރ 2015 ގައި އައިޖީއެމްއެޗްގައި އެމްއާރްއައި ސެންޓަރއެއް ޤާއިމުކޮށް މިހާތަނަށް 15،316 މީހުންނަށް 19،434 ޕްރޮސީޖަރ ހަދާފައިވެއެވެ. ހުޅުމާލޭ ހޮސްޕިޓަލްގައިވެސް މި ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ހިތުގެ ބަލިތަކާއި އެހެނިހެން ގައިންގަޔަށްނާރާ ބަލިތައް ކޮންޓްރޯލްކުރުމުގައި އާންމުންގެ ޙިއްޞާ ވަރަށް ބޮޑެވެ. އެގޮތުން ސިއްޙަތަކަށް ރަނގަޅުކާނާ ނުކެއުމާއި، ކަސްރަތު ނުކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ. އެހެންކަމުން މިފަދަ ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި ސިއްހަތައް ގެއްލުންހުރި ކަނާއާ ދުރުވުމާއި، ކަސްރަތުކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުން މުހިންމެވެ.