ޚަބަރު

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ - މެޓް އޮފީސް


އިންޑޮނޭޝިއާގެ ސުލަވޭސީކައިރިއަށް 7.5 މެގްނިޓިޑިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެކަމަށް ލަފާ ނުކުރެވޭ މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސްއިން ބުނެފިއެވެ.

ސުލަވޭސީގެ ހުޅަނގު އުތުރުން 50 މޭލު ދުރަށްއައި މި ބިންހެލުމުގެ ސަބަބުން އެ ރަށުގެ ގިނަ ޢަދަދެއްގެ ގެތަކަކަށް ގެއްލުންވެ އެކަކު މަރުވެފައިވާއިރު 10 މީހުން ޒަޚަމްވެފައިވާކަމަށް ޚަބަރުތަށް ބުނެއެވެ. އިންޑޮނޭޝިއާއަށް މިދިޔަ ޖުލައި މަހާއި އޮގަސްޓްމަހު އައި ބިންހެލުންތަކެއްގައިވެސް 500 އެއްހައި މީހުން ވަނީ މަރުވެފައެވެ.

ރާއްޖޭގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރިއަށް މިއޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ބެލެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުތަކުގައި ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވައިގަދަވެ ކަނޑުގެ ބާނި ބޮޑުވެފައިވާތީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.

އަދި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭކަމަށާ، ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައި، އަދި އުތުރުގެ ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެބާރުމިނުގައި ވައިޖެހޭނެކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

އަދި ވިލާގަނޑުގައި 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މީގެއިތުރުން ދެކުނާއި މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތަށް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.