ރިޕޯޓް

ގެސްޓް ހައުސް ވިޔަފާރި - ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ބަހާއެއް


ފަތުރުވެރިންނަށް ޚާއްޞަކޮށްގެންގެން ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ކުރަންފެށިތާ 10 އަހަރު ފުރުނުއިރު، 500 އަށްވުރެ ގިނަ ގެސްޓްހައުސް ގެންދަނީ ރަޖިސްޓްރީކޮށް ހިންގަމުންނެވެ. އެގޮތުން ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ފަހުން ތަޢާރަފްވި ބާވަތެވެ.

1972 ވަނަ އަހަރު ފަތުރުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި ފަށާފައިވާއިރު، މިދާއިރާއިން އާމްދަނީ އިތުރުކުރުމަށް ފަތުރުވެރިކަމުގެ އެކި ވިޔަފާރިތައްވަނީ ރާއްޖެއަށް ތަޢާރަފްކުރަންފަށާފައެވެ. އެގޮތުން ރިސޯޓްތަކާއި، ހޮޓަލާއި، ސަފާރީ ވިޔަފާރިތައް މީގެ އެތަށް އަހަރުތަކެއް ކުރިން ފަށާފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ޅަފަތުގައިވާ ބާވަތަކީ ގެސްޓް ހައުސް ވިޔަފާރިއެވެ.

ގެސްޓް ހައުސް ވިޔަފާރިއަކީ މެދު ފަންތިއަށް ޢަމާޒުކޮށްގެން ދޭ ފަތުރުވެރިކަމުގެ ޚިދުމަތެކެވެ. ގެސްޓްހައުސް ވިޔަފާރި ރާއްޖެއަށް ތަޢާރަފްކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި ގެސްޓް ހައުސްއެއް ހުޅުވާފައިވަނީ މާލެއަތޮޅު މާފުށީގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ޖުމްލަ 490 ގެސްޓްހައުސްވަނީ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައެވެ. ބެޑް ކެޕޭސިޓީއަށް ބަލާއިރު 8112 އެނދަށް ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި ވަނީ ފުޅާވެފައެވެ. ޖުމްލަކޮށް ބަލާއިރު ރާއްޖޭގައި ތަރައްޤީކޮށްފައި ހުންނަނީ 6 އެނދާއި، 40 އެނދާއި ދެމެދުގެ ގެސްޓް ހައުސްތަކެވެ. 2012 ވަނަ އަހަރު ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ 18 އިންސައްތައިގައި ހުރިއިރު، ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަދަދު މިހާރުވަނީ 37 އިންސައްތައަށް އިތުރުވެފައެވެ.

ގެސްޓްހައުސް ވިޔަފާރިއަކީ ފަތުރުވެރިކަމުގެ ބާވަތްތަކުގެތެއިން އެންމެ ހެޔޮއަގެއްގައި ލިބޭ ޚިދުމަތެވެ. މީހުން ދިރުއުޅޭ ރަށްތަކަށް ޢަމާޒުކޮށްގެން ފަށާފައިވާ މި ވިޔަފާރީގެ ސަބަބުން، ފަތުރުވެރިންނަށް ދިވެހިންގެ ރަށްފުށު ދިރިއުޅުމާއި އާދަކާދަޔާއި، ސަޤާފަތާއި، އަދި ދިވެހިން ކެއިން ބުއިމުގައި ބޭނުންކުރާ ބާވަތްތައް ތަޖުރިބާ ކުރުމެގެ ފުރުސަތު ފަހިވެގެންދެއެވެ. ގެސްޓް ހައުސް ވިޔަފާރިއަކީ ޖުމްލަކޮށް އަގުހެޔޮ ވިޔަފާރިއަކަށްވާއިރު، މި ވިޔަފާރިއާއެކު ކުޑަ ބަޖެޓަކުން ޗުއްޓީ ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރުވަނީ ފުޅާ ދާއިރައެއްގައި ރާއްޖޭގައި ތަނަވަސްވެފައެވެ.

މި ވިޔަފާރި އިތުރަށް ފުޅާކުރުމަށް ގެސްޓް ހައުސްތައް އިޝްތިހާރުކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާތަކުން ދަނީ ރާއްޖެއިން ބޭރުގައި ބާއްވާ އެކި އެކި ފެއަރތަކުގައި ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރި އިޝްތިހާރުކުރަމުންނެވެ. އަދި މި ދާއިރާ އިތުރަށް ފުޅާކޮށް، ވިޔަފާރި ފެށުމަށް ސަރުކާރުންދަނީ ކުދި ވިޔަފާރިއަށް ޢަމާޒުކޮށް ލޯނު އެހީވެސް ދެމުންނެވެ.

ގެސްޓް ހައުސް ވިޔަފާރިއަކީ އޭގެ ފައިދާ އެތައް ގޮތަކުން ރަށްތަކަށް ކުރަމުންދާ ވިޔަފާރިއެކެވެ. އެގޮތުން ގެސްޓް ހައުސް ވިޔަފާއިއާއި ގުޅުވައިގެން ކުދި ވިޔަފާރީގެ ގޮތުގައި، ޑައިވިންއާއި، މޫދު ކުޅިވަރުތަކާއި، ސްވެނިއަރ ވިޔަފާރިއާއި، ރެސްޓޯރަންޓާއި، އަތްތެރި މަސައްކަތުގެ ވިޔަފާރިވެސް ދަނީ ފުޅާވަމުންނެވެ. އަދި މީގެއިތުރުން މި ވިޔަފާރިއާއިއެކު ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ މަގުވެސްވަނީ ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައެވެ.