ޚަބަރު

ދެކުނުގެ އަތޮޅުތަކަށް އަނެއްކާވެސް ވައިޓް އެލާޓް ނެރެފި


ރާއްޖޭގެ ދެކުނު އަތޮޅުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ލ. އަތޮޅާއި، އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދުތަކަށް ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެ ސަރަހައްދުތަކަށް ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 08:45 އިން ފެށިގެން މެންދުރު ފަހު 14:45 އަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކޮށް، ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް 20 މޭލާ ހަމައަށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުންގޯސްވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.