ޚަބަރު

ރާއްޖޭގެ އިންތިޚާބީ ރައީސަށް ޗައިނާއިން މަރުޙަބާ ކިޔައިފި


ރާއްޖޭގެ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށް ޗައިނާ ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއިން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގެ ތެރެއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމިނިސްޓްރީގެ ތަރުޖަމާން ގެންގް ޝުއަންގް ވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން 58 އިންސައްތަ ހޯއްދަވައިގެން ކާމިޔާބު ހޯއްދެވި އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުޙަބާ ކިޔާފައެވެ.

ފަހުގެ ތާރިޚެއްގައި ރާއްޖެއާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންގޮސްފައިވާކަން ފާހަގަކުރައްވައި ތަރުޖަމާންވަނީ އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައިވެސް ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ރާއްޖެއާއިއެކު އިތުރު ގިނަ މަސައްކަތްތަކެއް ހިންގޭނެކަމުގެ އުންމީދުކުރައްވާކަމަށް ގެންގް ޝުއަންގް ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާ ގުޅިގެން ތަފާތު ބޮޑެތި މަޝްރޫތަކެއް ދަނީ މިހާރުވެސް ހިންގަމުންނެވެ. އެގޮތުން ޗައިނާއާއި ރާއްޖޭގެ ގުޅުން ރަމްޒުކޮއްދޭ ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އަޅައިފައިވާ އައު ރަންވޭގެ އިތުރުން ހިޔާ މަޝްރޫގެ ހަތް ހާސް ހައުސިންގް ޔުނިޓް ބިނާކުރުމުގެ މަޝްރޫޢަކީ ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކެވެ.