ޚަބަރު

އިންތިޚާބީ ރައީސަށް އެމްޑީއޭއިން މަރުޙަބާ ކިޔައިފި


މިއަހަރުގެ ރިޔާސީ އިންތިޚާބް ކާމިޔާބުކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުހައްމަދު ޞާލިހަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައެންސް (އެމްޑީއޭ) އިން މަރުޙަބާ ދަންނަވައިފިއެވެ.

އެމްޑީއޭއިން ނެރުނު ބަޔާނުގައި ވަނީ، ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ރާއްޖެއަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރާކަމަށް ބުނެފައެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ދިވެހި އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއްނެތި އިންސާފާއި އަދުލުވެރިކަމާއި ހަމަހަމަކަން ޤާއިމުކުރުމަށްވެސް އެޕާޓީގެ ބަޔާނުގައިވަނީ ގޮވާލާފައެވެ.

މީގެއިތުރުން، ރައްޔިތުންގެ ނިންމުން ޤަބޫލުކުރައްވާ ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުޙަލާތައް އަމާންކަމާއެކު ކުރިއަށްގެންދިއުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވާފައިވާތީ އެމަނިކުފާނަށްވެސް އެ ޕާޓީއިން ވަނީ މަރުޙަބާ ދަންނަވާފައެވެ.

މި ނޫސް ބަޔާނުގައި އެމްޑީއޭއިން ވަނީ ރައްޔިތުންނާ ގުޅުންހުރި ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ރޫޙާއި އެއްގޮތަށް އަޑުއުފުލުމުގައި އެޕާޓީއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.